ކޯޗު އިބްރާހިމް ހަލީމް (ޖަޑާ)ގެ އިރުޝާދުގެ ދަށުން ނ. މިލަދޫގެ ކުދިންނަށް ފުޓްބޯޅަ ކޯޗިން ކޭމްޕެއް ފަށައިފި އެވެ.

އެ ކޯޗިން ކޭމްޕަކީ ހަ އަހަރާއި 12 އަހަރާ ދެމެދު އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން މިލަދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)އިން އިންތިޒާމްކޮށްގެން މިލަދޫގައި ކުރިއަށްގެންދާ ކޯޗިން ކޭމްޕެކެވެ.

އެމްވައިއެމް އިން ބުނި ގޮތުގައި، އިއްޔެ ހަވީރު ފެށި އެ ކޯޗިން ކޭމްޕް މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާއި އެ ކޭމްޕުގެ މަގްސަދަކީ މިލަދޫގައި ފެންވަރު ރަނގަޅު ކުޅުންތެރިން އުފެއްދުން ކަމަށެވެ.

މިލަދޫ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެ ފުޓްބޯޅަ ކޯޗިން ކޭމްޕްގައި އިރުޝާދުދެމުންދާ ކޯޗު ޖަޑާއަކީ ދާދި ފަހުން މިލަދޫ ޓީމަށް ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗެވެ. އޭގެ އިތުރުން ޖަޑާ ވަނީ ކުރިން ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ވެސް އިރުޝާދުދީފަ އެވެ.

އިއްޔެ ފެށި ކޯޗިން ކޭމްޕްގައި 45 އަކަށް ވުރެ ގިނަ ކުދިން ބައިވެރިވެފައިވެ އެވެ. އެ ކޭމްޕްގައި ބައިވެރިވުމަށް އެދޭ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު އަދި ވެސް އޮތް ކަމަށް އެމްވައިއެމް އިން ބުނެ އެވެ.