ފިހާރައަކުން ރޯދަ އަށް މާލެ ގެނައި 88 ބިސް ކޭސް ވީނުވީއެއް ނޭގި ގެއްލިއްޖެ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް )އެމްޕީއެލް( ގެ ބަނދަރުން ގެއްލުނު ކަމަށް ބެލެވޭ އެ ބިސްކޭސްތަކަކީ އިވްނިން ސްޓޯރުން އިންޑިއާގެ ޗައިނާ މާކެޓުން ރޯދައަށް ގެނައި ތަކެއްޗެކެވެ.

އެ ފިހާރައިން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި، ފުރަތަމަ ގެއްލުނީ ރޯދަށް ގެނައި 85 ބިސް ކޭސްގެ ތެރެއިން 13 ކޭސް އެވެ. އަދި ފަހުން ގެނައި އިތުރު 75 ބިސް ކޭސް ވެސް ވަނީ ވީނުވީއެއް ނޭގި މި ހަފްތާތެރޭ ގެއްލިފައިވާ ކަމަށް ވެސް އެމީހާ ބުންޏެވެ.

މިކަމުގައި ޒިންމާވާން ޖެހެނީ ކޮން ބަޔެއް ކަމެއް އަދި ނޭގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"ސަޕްލަޔަރުން އެބަ ބުނޭ ފޮނުވީމޭ. އެކަމަކު އެމްޕީއެލަށް ކޮންމެ ދުވަހަކު ދިޔައިމަ މިބުނަނީ ނާދެއޭ ނާދެއޭ. އެންމެފަހުން ގުދަނަށް ގޮސް ބެލީމަ މިއެނގުނީ ނެތް ކަން،" އޭނާ ބުންޏެވެ.

އޭނާ ބުނީ، މި މައްސަލަ މިހާރު އެމްޕީއެލް އަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެފަރާތުން އަންނަނީ އެކަން ބަލަމުން ކަމަށެވެ.

ބިސް ކޭސްތައް ގެއްލުމުގެ ސަބަބުން ފިހާރައަށް ގާތްގަނޑަކަށް 27،000ރ. ގެ ގެއްލުން ވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.