01 Jan 2018, 00:08
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ހަތަރު ގެއެއް ބަލައި ފާސްކޮށް، 13 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 17 އަހަރާއި 39 އަހަރާ ދެމެދުގެ ފިރިހެނުުންނެވެ.
މިމަހުގެ 30 ވަނަ ދުވަހުގެރޭ ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ބަލާފާސްކޮށްފައިވަނީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ބެލެވޭ ގަލޮޅުގެ ދެ ގެއަކާއި މާފަންނު ގެއެއްގެ އިތުރުން މައްޗަންގޮޅީގެ ގެއެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، ފާސްކުރި ހަތަރު ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ނުވަ ރަބަރު ޕެކެޓާއި 133 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ތިން ދަޅާއި ބޮޑު ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒުގެ 10 ރަބަރު ޕެކެޓާއި ޕްލާސްޓިކް ކޮތަޅެއް ފެނިފައިވާ ކަމަށެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.