01 Jan 2018, 00:01
ވޭތުވެދިޔަ 17 އަހަރު ރާއްޖޭގެ ތާރީހަށް އަލި އަޅުވާލައި އެކުލަވާލައިފައިވާ 'ސާސްކަފު 17'، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިރޭ ނެރެދެއްވައިފިއެވެ.
ރައީސުޖްލުމްހޫރިއްޔާ މިފޮތް ނެރެދެއްވީ އާ އަހަރުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރެއްވުމަށް އަލިމަސް ކާނިވާ ސަރަހައްދުގައި ކުރިއަށްގެންދާ 'ވެލްކަމް 2018' މިއުޒިކް ޝޯގެ ތެރެއިންނެވެ.
'ސާސްކަފު 17' ފޮތަކީ ވަކި ހަ ބަޔަކަށް ބަހާލައިގެން ވޭތުވެދިޔަ 17 އަހަރުތެރޭ ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ މުހިންމު އެކިއެކި ކަންކަން ހިމަނައިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ.
އެ ފޮތް ބަހާލެވިފައިވާ ހަ ބައިގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ވެރިކަމާއި އިދާރީ ހިންގުން، މާލިއްޔަތާއި އިގްތިސާދު އަދި ރަށްވެހިކަމާއި އުމުރާނީ ތަރައްގީ، ކާރިސާތަކާއި ބޮޑެތި ހާދިސާތައް، ދާހިލީ ހަރަކާތްތަކާއި އަމަންއަމާންކަން، ތައުލީމާއި ސިއްހަތު އަދި ޒުވާނުންނާއި ކުޅިވަރުގެ އިތުރުން ގައުމިއްޔަތާއި އިޖުތިމާއިއްޔަތު އަދި މީޑިއާ އާއި ޓެކްނޮލޮޖީއެވެ.
މިރޭގެ ޝޯ ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ޝޯގައި ބައިވެރިވިއެވެ.