ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކޮށް ކުރިއެރުވުމަށްޓަކައި އަންނަ އަހަރު 100 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެއެވެ.

އާ އަހަރު ފާހަގަކުރުމުގެ ގޮތުން ބޭރުގެ މަޝްހޫރު ލަވަކިޔުންތެރިންނާއެކު އަލިމަސް ކާނިވަލުގައި މިހާރު ކުރިއަށްދާ ޝޯގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ދިމާވި ގޮންޖެހުންތަކާއެކުވެސް 2016 ވަނަ އަހަރާ އަޅާބަލާ އިރު ރާއްޖައައި ފަތުރުވެރިންގެ އަދަދު ހަތް ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.

ޒަމީރު ވިދާޅުވީ، އަންނަ އަހަރުވެސް ފަތުރުވެރިކަމުގެ ދާއިރާގައި ކާމިޔާބު އަހަރަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

ވޭތުވެދިޔަ 17 ވަރަކަށް އަހަރު ދިވެހިރާއްޖޭގެ ވެރިކަމާއި އުމްރާނީ ހިންގުން، މާލިއްޔަތާއި އިގްތިސާދު، ޔަގީންކަމާއި އުމްރާނީ ތަރައްގީ، ކާރިސާތަކާއި ބޮޑެތި ހާދިސާތައް، ދާހިލީ ހަރަކާތްތަކާއި އަމަންއަމާންކަން، ތައުލީމާ ސިސްހަތު އަދި ޒުވާނުންނާއި ކުޅިވަރު، ގައުމިއްޔަތާއި އިޖްތިމާއީ އަދި މީޑިއާ އާއި ޓެކްނޮލޮޖީ ފަދަ ދާއިރާތަކަށް އަލިއަޅުވާލާފައިވާ ފޮތެއް މިރޭގެ ޝޯގައި ވަނީ ނެރެފައެވެ.

"ސާސްކަފު 17" ގެ ނަމުގައި އެ ފޮތް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްއެވެ.

އަންނަ އަހަރުވެސް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ހިންގަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ހިމަނައިގެން ގިނަ ޝޯތަކެއް ބާއްވާނެ ކަމަށް މިނިސްޓަރު ޒަމީރު ވަނީ ވިދާޅުވެފައެވެ.