31 Dec 2017, 22:32
އައްޑޫ ސިޓީ ލިންކް ރޯޑްގައި މިދިޔަ އަންގާރަ ދުވަހު ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ޕިކަޕް ޑްރައިވަރު ހައްޔަރުކޮށްފިއެވެ.
ތޭރަ އަހަރުގެ ކުޑަކުއްޖަކު މަރުވި އެ އެކްސިޑެންޓާ ގުޅިގެން މިއަދު ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ފިރިހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ހިތަދޫ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓާ ގުޅިގެން ޕިކަޕް ދުއްވަން އިން 33 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އައްޑޫއިން ކަމަށާއި މިހާރު ފުލުހުން ޕިކަޕް ޓޯ ކޮށްފައިވާ ކަމަށެވެ.
ސަންއަށް އެނގިފައިވާގޮތުގައި އަންގާރަ ދުވަހުގެ ހެނދުނު 9:50 އެހާކަންހާއިރު ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް މަރުވީ ގދ. ވާދޫ، ނެސްޓް އުމުރުން 13 އަހަރުގެ އަރުޝަމް އިބްރާހިމެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޒިންމާދާރު ވެރިޔާ މުހައްމަދު ނަޖީބު ވިދާޅުވީ، އެ އެކްސިޑެންޓާ ގުޅިގެން ދެ މީހަކު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން އެކަކަކީ ސައިކަލު ދުއްވަން އިން ޒުވާނާއެވެ. އަދި ދެން ގެނައީ ކުޑަކުއްޖަކު ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޖީބު ވިދާޅުވީ، ކުޑަކުއްޖާ މަރުވީ ބޮލަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ކަމަށާއި އެކުއްޖާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ. އެކުއްޖާ މަރުވީ އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ތައްޔާރުވަމުން ދަނިކޮށެވެ.