ދިވެހި ގައުމާއި ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލިސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވެއްޖެއެވެ.

މީލާދީގޮތުން 2018 ވަނަ އަހަރު ފެށުމުގެ މުނާސަބަތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ނެރުއްވި ބަޔާނުގައި މަސީހު ވިދާޅުވީ، އާ އަހަރަކަށް މަރުހަބާ ކިޔާއިރު، ކޮންމެ ދިވެއްސަކުވެސް ގައުމާމެދު ހެޔޮގޮތުގައި އަމަލުކުރުމުގެ އަޒުމު އާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މަސީހު ވިދާޅުވީ، ގައުމު ދެކެ ލޯބިވެ ގައުމަށް ހެޔޮއެދުމުގެ އަޒުމާއި މާތްވެގެންވާ އިސްލާމްދީނަށް ނަސްރުދީ ދިވެހި ގައުމު ސައްތައިންސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމުގެ އަޒުމާއި ގައުމު ތަރައްގީކޮށް ރައްޔިތުންގެ ދިރިއުޅުން އުޖާލާ ކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމުގެ އަޒުމާއި އެކުވެރިކަމާއި އެއްބައެއްވަންތަ ކަމަށް މަސައްކަތްކުރުމުގެ އަޒުމް އާކުރުން ވަރަށް މުހިއްމު ކަމަށެވެ.

"މިކަންކަން އަމަލީ މައިދާނަށް ތިރިކޮށް ތަންފީޒުކުރުމުގައި އިތުރަށް ހަރަކާތްތެރިވުމަކީ މުހިންމު ކަމެއް. އިރާދަކުރެއްވިއްޔާ، ގައުމާއި ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލިސް ސާބިތުކަމާއެކު ދެމިއޮންނާނެ،" މަސީހު ވިދާޅުވިއެވެ.

މަސީހު ވަނީ، މީލާދީ އާ އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ނަންފުޅުގައާއި އަމިއްލަ ނަމުގައި އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައިފައެވެ.