01 Jan 2018, 00:30
ކާބުލް (ޑިސެމްބަރު 31): އަފްޣާނިސްތާނުގެ އިރުމަތީގެ ރަށެއް ކަމަށްވާ ޖަލާލް އާބާދުގައި ކުރިއަށްދިޔަ ޖަނާޒާއަކަށް އަމިއްލައަށް މަރުވެގެން މީހަކު ދިން ހަމަލާއެއްގައި އެޖަނާޒާގައި ބައިވެރިވި މީހުންގެ ތެރެއިން 15 މީހުން މަރުވެ 13 މީހުން ޒަހަމްވެއްޖެއެވެ.
ޖަލާލް އާބާދު ނިސްބަތްވާ ނަންގަހާރު ސްޓޭޓްގެ ގަވަރުނަރުގެ ތަރުޖަމާން އަތަﷲ ޚޫޖިޔާނީ ވިދާޅުވީ، އަމިއްލައަށް މަރުވެގެން ޓެރަރިސްޓް ހަމަލާއެއްދިނީ އެ ސްޓޭޓުގެ ކުރީގެ މަސްއޫލުވެރިއަކު އަވަހާރަވެގެން އޭނާ ފަސްދާނުލުމަށްޓަކައި ގަބުރުސްތާނަށް އެއްވެފައިވާ މީހުންގެ ތެރޭގައި ހުރި މީހެއް ކަމަށެވެ.
ޖާނުންފިދާވުމުގެ އެ ހަމަލާއާއެކު 13 މީހުން މަރުވެގެން ގަބުރުސްތާނުގެ ތެރެއަށް ވެއްޓުނު ކަމަށާއި އޭރު ފަސްދާނުލުމަށް ގެންގޮސްފައިވާ މައްޔިތާ ކަށްވަޅަށް ތިރި ނުކުރާ ކަމަށްވެސް އަތަﷲ ހޫޖިޔާނީ ވިދާޅުވިއެވެ.
ދީނުގެ ނަމުގައި އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ހައްދުފަހަނަޅާފައިވާ ހަރުކަށި މީހުން ދެމުންދާ ޖާނުންފިދާވުމުގެ ހަމަލާތައް ޖަނާޒާތަކަށާއި ކައިވެނީގެ ހަފްލާތަކަށް އަމާޒުކުރުމަކީ އާންމު ކަމެކެވެ. ބަދަލުހިފުމުގެ ބޭނުމުގައި ދޭ މިފަދަ ހަމަލާތަކުގައި ކުށެއްނެތް އާންމުން ޑަޒަން ޑަޒަނަށް މަރުވަމުންދެއެވެ. ތާލިބާން ޖަމާއަތަކީ މިފަދަ ޓެރަރިސްޓް ހަމަލާތައް އަފްޣާނިސްތާނުގައި އެންމެ ބޮޑަށް ދޭ ޖަމާއަތެވެ.
މީގެ އިތުރުން ނުރައްކާތެރި އައިއެސް ޖަމާއަތްވެސް އަފްޣާނިސްތާނުގައި ދަނީ ވަކި ހިއްޕަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ދެ މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ދެ ހަމަލާއެއްގައި ސާޅީސް ފަސް މީހުން މަރުވެ ފަންސާސް މީހުން ޒަހަމްވެފައިވެއެވެ.
ވޮއިސް އޮފް އަފްޣާން ނަމަކަށް ކިޔާ ނޫސް އެޖެންސީއަކަށް އަމާޒުކުރި އެ ދެ ހަމަލާގެ ޒިންމާ، އައިއެސް ޖަމާއަތުން ވަނީ ނަގައިފައެވެ. އެ ދެ ހަމަލާގެ ސަބަބުން މުޅި ކާބުލް ގުޑައިގެންދިޔަ އިރު، އެ ދެ ހަމަލާގެ އިތުރުން ކާބުލްގެ ބޫލީސުޚްތާ ސަރަހައްދުގައިވާ ސަގާފީ މަރުކަޒަކަށް ވެސް ބުރާސްފަތި ދުވަހު ބޮމުގެ ހަމަލާއެއް ދީފައިވެއެވެ. އެ ހަމަލާތަކުގައި މަރުވެ ޒަހަމްވެފައިވަނީ އާންމުންނެވެ.
ފާއިތުވި މަސްތަކުގައި ތާލިބާނުންގެ އިތުރުން އަފްޣާނިސްތާނުގެ އައިއެސް ގޮފިން ދެމުންގެންދާ ޓެރަރިސްޓް ހަމަލާތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. (ނޫސްއެޖެންސީތައް)