އަންކަރާ : (އޮގަސްޓް 11) : ސޮމާލިޔާގެ ރައްޔިތުން ތަޙައްމަލް ކުރަމުން ގެންދާ ހައިހޫނު ކަމުގެ މުސީބާތަށް ދުނިޔޭގެ ސަމާލުކަން ގެނައުމަށާއި ހައިހޫނުކަން ތަޙައްމަލްކުރާ ސޮމާލިޔާގެ ނިކަމެތި ރައްޔިތުންނާއެކުގައިވާކަން އެމީހުންނަށް އިޙްސާސްކޮށް ދިނުމަށްޓަކައި ސޮމާލިޔާއަށް ޒިޔާރަތް ކުރައްވުމަށް ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވަމުން އުރުދުޣާން މިއަދު ވިދާޅުވީ އޭނާއާއި ތުރުކީގެ ޚާރިޖީވަޒީރު އަޙްމަދު ދާވޫދު ވަރަށް އަވަހަށް ސޮމާލިޔާއަށް ޒިޔާރަތް ކުރައްވާނެ ކަމަށާއި މިދަތުރުފުޅުގައި ދެބޭފުޅުންގެ ޢާއިލާވެސް ބައިވެރިކުރައްވާނެ ކަމުގައެވެ. ތުރުކީއަށް ކުރައްވާ ދަތުރުފުޅުގައި ކާބޯތަކެއްޗާއި ބޭސް ގެންދަވާނެ ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ. މިދަތުރުފުޅުގައި ދެބޭފުޅުންގެ އަނބިދަރިން ބައިވެރިކުރަނީ ހައިހޫނުކަމުގެ ވޭން ތަޙައްމަލްކުރަމުން ގެންދާ ސޮމާލިޔާގެ ނިކަމެތި އަންހެނުންނާއި ކުޑަކުދިންނަށް ހިއްވަރުދީ އެމީހުންނަށް ހަމްދަރްދީ ފާޅު ކުރުމުގެ ގޮތުން ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ. ސޮމާލިޔާއަކީ ދިގުލީ އަހްލީ ހަނގުރާމައިގެ ސަބަބުން ފުނޑުފުނޑުވެ ބައިބައިވެ އަދި ވީރާނާވެފައިވާ ޤައުމެކެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި އެއްވެސް ޤައުމެއްގެ ވެރިއަކު އެޤައުމަށް ޒިޔާރަތްކޮށެއް ނޫޅުއްވައެވެ.

ސޮމާލިޔާއަކީ ގާތްގަނޑަކަށް 99% މުސްލިމް ޤައުމެކެވެ. ސޮމާލިޔާގެ 5 މިލިޔަނެއްހާ މީހުން ހައިހޫނުކަން ތަޙައްމަލް ކުރަމުން ގެންދާއިރު މިއީ އެޤައުމުގެ އާބާދީގެ ގާތްގަނޑަކަށް 30% ކަމަށް ރިޕޯޓްތައް ބުނެއެވެ. އދ. ން އިއްޔެ ބުނިގޮތުގައި ސޮމާލިޔާގައި ކޮންމެ ދުވަހަކު އެވްރެޖްކޮށް 5 އަހަރުން ދަށުގެ 13 ކުދިން ބަނޑަށް މަރުވަމުން ދެއެވެ. އަދި ކާބޯތަކެއްޗާއި ބޭސްފަރުވާގެ އަވަސް އެހީތަކެއް ފޯރުކޮށް ނުދެވިއްޖެނަމަ ސޮމާލިޔާގެ 10% ކުޑަކުދިން ކުރިޔަށްއޮތް ދެމަސް ބައި ތެރޭގައި ބަނޑަށް މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އދ. ން އިއްޔެ ބުނެފައިވެ އެވެ.

ސޮމާލިޔާގެ ރައްޔިތުންނަށް އިސްލާމީ ޤައުމުތަކުން ދޭ އެހީ އިތުރުކުރުމަށާއި މިއެހީ ފޯރުކޮށްދިނުމުގެ ކަންތައް ވިލަރެސް ކުރުމަށްޓަކައި އިސްލާމީ ޤައުމު ތަކުގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް އަންނަ އަންގާރަ ދުވަހު ތުރުކީގެ އިސްތަންބޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާކަން "އޮގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޮންފަރެންސް" (އޯ.އައި.ސީ) ގެ ސެކްރެޓޭރިއަޓުން މިއަދުވަނީ ހާމަކޮށްފައެވެ. (އަލްޖަޒީރާ+ރޮއިޓާސް)