އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޯދުމަށް އިދިކޮޅު ޕާޓީތަކުން ކުރަމުންދާ މަޝްވަރާއަށް ކޮންމެ ޕާޓީއަކުން އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފަރާތުން ދެ މަންދޫބުން ކަނޑައަޅައިފިއެވެ.

އިދިކޮޅު ޕާޓީތައް ގުޅިގެން އެއް ކެނޑިޑޭޓަކު ނެރުމުގެ ވިސްނުން އިދިކޮޅު ލީޑަރުން ފާޅުކޮށްފައިވީ ނަމަވެސް އެކަމުގެ މަޝްވަރާ އޮތީ ނުފެށިއެވެ. އެ މަޝްވަރާތަކަށް މަންދޫބުން ހަމަޖައްސާ މަޝްވަރާތައް ފަށަން ނިންމާފައިވަނީ މިއަދުއެވެ.

އެ މަޝްވަރާތަކަށް އެމްޑީޕީން ހަމަޖައްސާފައިވާ ދެ މަންދޫބުންނަކީ އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި އެމްޑީޕީގެ ޕީޖީ ގުރޫޕް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.

ޖުމުހޫރީ ޕާޓީގެ ފަރާތުން އެ މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް ބުނެފައިވަނީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

އަދާލަތު ޕާޓީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް ބުނެފައިވަނީ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ މުގައްރިރު ޝިދާތާ ޝަރީފާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފެވެ.

ރައީސް މައުމޫން ތަމްސީލުކުރައްވާނެ ދެ މަންދޫބުންނަކީ ޔުމްނާ މައުމޫނާއި އައިމިނަތު ނާދިރާއެވެ.