އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން ދަމަހައްޓަމުން ދިޔަ މޮޅުވުމުގެ ސިލްސިލާއަށް ކްރިސްޓަލް ޕެލަސްއިން ނިމުމެއް ގެނެސްފި އެވެ.

ޕެލަސްގެ ދަނޑުގައި އިއްޔެ ކުޅުނު މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗަށް ނުކުތުމުގެ ކުރިން ސިޓީން ވަނީ ޖެހިޖެހިގެން 18 މެޗުން މޮޅުވެފަ އެވެ. އިއްޔެގެ މެޗުން ސިޓީ އެއްވަރުވި ނަމަވެސް، މިހާތަނަށް ލީގުގައި އެ ޓީމު ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ.

އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ސާޖިއޯ އަގުއެރޯއަށް ލަނޑުޖަހާނެ ވަރަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. އަގުއެރޯ ފޮނުވާލި ފުރަތަމަ ހަމަލާ، ޕެލަސް ގޯލުގެ ދަނޑިއަށް އަމާޒުވި އިރު، އޭނާގެ ދެވަނަ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުންދިޔައީ ސިޓީއިންނެވެ. މެޗުގެ ދެވަނަ ހާފުގައި ސިޓީއަށް ލިބުނު ފުރުސަތުތަކުގެ ތެރޭގައި އަގުއެރޯއާއި ލެރޯއީ ސާނޭ އަދި ކެވިން ޑި ބްރޭނާއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެ އެވެ. އޭގެ ތެރެއިން ދެ ހަމަލާއެއް، ޕެލަސްގެ ކީޕަރު ވޭން ހެނެސޭ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ޕެލަސްއަށް ޕެނަލްޓީއެއް ލިބި، މެޗުން މޮޅުވުމަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. ޕެލަސްއަށް އެ ޕެނަލްޓީ ލިބިގެންދިޔައީ ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއިން ވިލްފްރެޑް ޒާހާއަށް ރަހީމް ސްޓާލިން ކުރި ފައުލަކާ ގުޅިގެންނެވެ. ޕެލަސްގެ ލޫކާ މިލިވޮޔެވިޗް ފޮނުވާލި އެ ހަމަލާ، ސިޓީގެ ކީޕަރު އެޑާސަން ވަނީ މަތަކޮށްފަ އެވެ.

އެ މެޗުން އެއްވަރުވި ނަމަވެސް، ޕްރިމިއާ ލީގު ތާވަލުގެ އެއްވަނާގައި އަދިވެސް އޮތީ ސިޓީއެވެ. ސިޓީއަށް 21 މެޗުން 59 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނާގައި އޮތް ޗެލްސީއަށް 21 މެޗުން ލިބިފައި ވަނީ 45 ޕޮއިންޓެވެ. ތިންވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 21 މެޗުން 44 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނާގައި އޮތް ލިވަޕޫލަށް ލިބިފައި ވަނީ 41 ޕޮއިންޓެވެ.