31 Dec 2017, 20:25
ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަލިކުރެވޭނެ ކެނޑިޑޭޓަކަށް އެމްޑީޕީގައި ހުރީ ހަމައެކަނި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
މާބަލް ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، އިދިކޮޅު ކެނޑިޑޭޓަކީ ރައީސް ޔާމީން ބަލިކުރަން ނެރޭ ކެނޑިޑޭޓެއް ކަމަށާއި އެވަރުގެ ތާއީދެއް އޮތް ކެނޑިޑޭޓަކީ ހަމައެކަނި ރައީސް ނަޝީދު ކަމަށެވެ.
"މިވަގުތު ސިޔާސީ ހަގީގަތަކީ ރައީސް ނަޝީދަށް ވުރެ މަގުބޫލު ކެނޑިޑޭޓަކު އެމްޑީޕީ ތެރެއަކު ނެތް،" ލަތީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ނަޝީދު ނޫން ބޭފުޅަކު އިންތިހާބަށް ނެރުމުގެ ވިސްނުމެއް އެމްޑީޕީއަކު ނެތް ކަމަށާއި އާންމު މެމްބަރުންވެސް ބޭނުންވަނީ އެމަނިކުފާނު އިންތިހާބުގައި ވާދަކުރުން ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީން ބަލިކުރެވޭނެ ކެނޑިޑޭޓެއް ރައީސް ނަޝީދު ނޫނިއްޔާ އެމްޑީޕީގައި ނެތް ކަމަށެވެ.
"ވަރަށް ގިނައިން ކުރާ ސުވާލެއް އެމްޑީޕީ ތެރޭގައި ރައީސް ޔާމީން ބަލިކުރެވޭނެ ވަރުގެ އިތުރު ކެނޑިޑޭޓަކު ނެތްތޯ ރައީސް ނަޝީދު ފިޔަވާ. އާދެ އެވަރުގެ ކެނޑިޑޭޓެއް އެމްޑީޕީ ތެރެއަކު ނެތް. އާންމު މެމްބަރުންގެ ވިސްނުމަކީވެސް ރައީސް ނަޝީދު ކެނޑިޑޭޓެއްގެ ގޮތުގައި ނެރުން،" ހަސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކަން އެހެން އޮތް ނަމަވެސް އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި ޕްރައިމަރީ އޮންނާނެ ކަމަށެވެ. އަދި އެމްޑީޕީން ރިޔާސީ ކެނޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީ ފެށޭ އަހަރުގެ މޭ މަހު ބާއްވަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީން ބޭނުންވަނީ އެ ޕާޓީން ހޮވާ ކެނޑިޑޭޓަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓަށް ވުން ކަމަށް ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާނީ ފެށޭ މާޗު މަހުގެ ތެރޭގައެވެ.
ހަސަން ލަތީފް މިހެން ވިދާޅުވި އިރު، ރައީސް ނަޝީދަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ގާނޫނުއަސާސީ ބުނާގޮތުން، އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒުކުރާ މީހަކަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެއެވެ.