31 Dec 2017, 19:14
ތެހެރާން (31 ޑިސެމްބަރު): އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާއެކު، މަޝްހޫރު ސޯޝަލް މީޑިއާ އެޕް ޓެލެގްރާމް އަދި އިންސްޓަގްރާމް ބްލޮކްކޮށްފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ ޓީވީން ބުނެފިއެވެ.
އީރާނުގެ ދައުލަތުގެ ޓީވީން ބުނީ، އެ ފިޔަވަޅު އެޅީ މުޒާހަރާތަކުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ފެންނާތީ ކަމަށެވެ.
"ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ނިންމުމުގެ ދަށުން، ޓެލެގްރާމާއި އިންސްޓަގްރާމް މިހާރު މިވަނީ ވަގުތީ ގޮތުން ބްލޮކްކޮށްފައި،" ދައުލަތުގެ ޓީވީން ބުންޏެވެ.
ޓެލެގްރާމްގެގެ ސީއީއޯ ޕަވޭލް ދުރޯވް ވެސް ވަނީ އެ އެޕް އީރާނުގައި މިހާރު ބޭނުންނުކުރެވޭކަން ކަށަވަރުކޮށްދީފައެވެ.

އީރާނުގައި މިޙާރު ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން: މުޒާހަރާތަކާއެކު، މަޝްހޫރު ސޯޝަލް މީޑިއާ އެޕް ޓެލެގްރާމް އަދި އިންސްޓަގްރާމް ވަނީ ބްލޮކްކޮށްފައި -- ފޮޓޯ/ އޭޕީ
އެކަމާ ގުޅޭގޮތުން، ފޭސްބުކުގެ ދަށުން އޮޕަރޭޓްކުރާ އިންސްޓަގްރާމުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ބުރާސްފަތި ދުވަހު އެ މުޒާހަރާތައް ފެށުނީ އީރާނުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ މަޝްހަދުގައެވެ. އެ މުޒާހަރާގެ ބައިވެރިން ދިޔައީ ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ގޮވާލައި، ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

އީރާނުގައި މިޙާރު ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން: މުޒާހަރާތަކާއެކު، މަޝްހޫރު ސޯޝަލް މީޑިއާ އެޕް ޓެލެގްރާމް އަދި އިންސްޓަގްރާމް ވަނީ ބްލޮކްކޮށްފައި -- ފޮޓޯ/ އޭޕީ
އޭގެ ފަހުން އިއްޔެ ގައުމުގެ ވެރިރަށް ތެހެރާނާއި ކަރުމަންޝާހުގެ އިތުރުން ފަސް ސިޓީއެއްގައި ވެސް މުޒާހަރާކުރަން ފަށާފައިވާ ކަމަށާއި އެއީ 2009 ވަނަ އަހަރުގެ ފަހުން އެގައުމުގައި ސަރުކާރާ ދެކޮޅަށް ބާއްވާ އެންމެ ބޮޑު މުޒާހަރާތައް ކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި އެ މުޒާހަރާގެ ބައިވެރިން ދަނީ ގައުމުގެ ރައީސް ހަސަން ރޫހާނީއާއި އެގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީއާ ދެކޮޅަށް ވެސް އަޑު އުފުލަމުން ކަމަށް މީޑިއާތަކުން ބުނެއެވެ.
މީގެ އިތުރުން، ބައެއް ފަރާތްތަކުން ދަނީ އީރާނުން އެހެން ގައުމުތަކުގެ ހަނގުރާމައިގައި ބައިވެރިވެ، އަސްކަރީ އެހީ ފޯރުކޮށްދޭތީ ވެސް ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ "ގާޒާ، ލުބުނާން އަދި ސީރިއާގެ ބަދަލުގައި އީރާނާ މެދު ވިސްނުމަށް" ސަރުކާރަށް ގޮވާލައިފައެވެ.
މަސްދަރު: އެސޯސިއޭޓެޑް ޕްރެސް