މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އަންނަ މުހިންމު ކުޅުންތެރިޔާ ޔަޝްފާދު ހަބީބު(މުލަކޭ) އެ ކުލަބުގައި މަޑުކުރަން ނިންމައިފިއެވެ.

އެ ކުލަބާއެކު މުލަކޭ ހަދާފައިވާ ކޮންޓްރެކްޓް އައުކުރި އިރު، އޭނާއަކީ އެ ކުލަބުގައި ވޭތުވެދިޔަ ދެ ސީޒަނުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިއެކެވެ. އަދި މި ސީޒަނުގައި އޭނާ ވަނީ ގަވާއިދުން ޓީމުން ޖާގަ ހޯދައިފައެވެ.

މާޒިޔާއަށް ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން މުލަކޭގެ އިތުރުން ދެން ކޮންޓްރެކްޓް އައުކޮށްފައިވަނީ މުހައްމަދު އިރުފާން (އިރޭ)، މޫސާ ޔާމީން (ޔާމްބެ) އަދި ސަމޫހު އަލީ (ސަމުއްޓޭ) އެވެ.

އަންނަ އަހަރަށް ސްކޮޑް ވަރުގަދަކުރުމަށް މަސައްކަތްކުރަމުން އަންނަ މާޒިޔާއަށް ވަނީ ދާދި ފަހުން މިއަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔާ ނާއިޒު ހަސަން(ދާދު) ވެސް ގެނެސްފައެވެ.

މާޒިޔާ ދޫކޮށް މިހާތަނަށް އެހެން ކްލަބަކަށް ބަދަލުވެފައިވަނީ ހަމައެކަނި މުހައްމަދު އުމައިރުއެވެ. އޭނާ ބަދަލުވީ ވާދަވެރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ.