31 Dec 2017, 18:52
ނިއުޒިލެންޑަށް ނިސްބަތްވާ މަޝްހޫރުު ލަވަކިޔުންތެރިޔާ ލޯޑް، އިސްރާއީލުގެ ޓެލް އަވީވުގައި އަންނަ އަހަރު ބާއްވަން ތައްޔާރުވެފައި އޮތް މިއުޒިކް ޝޯ ކެންސަލްކޮށްފިއެވެ.
ލޯޑް ޖޫން މަހު ބާއްވަން ހަމަޖެހިފައިވާ ޝޯ ކެންސަލްކުރީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަމަލުތަކާ ގުޅިގެން، އިސްރާއީލު ބޯއިކޮޓުކުރުމަށް ގޮވާލާ ހަރަކާތެއް ހަލުއިކޮށް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.
ބީޑީއެސް (ބޯއިކޮޓް، ޑައިވެސްޓްމެންޓް، ސެންކްޝަންސް) ކިޔާ ހަރަކާތަކުން ގޮވަމުން ދަނީ ތަފާތު ދާއިރާތަކުގެ ފަންނުވެރިން، ސަގާފީ ގޮތުން އިސްރާއީލު ބޯއިކޮޓު ކުރުމަށެވެ.
"ރޯޔަލްސް"، "ބަޒްކަޓް ސީޒަން"، "ޔެލޯ ފްލިކާ ބީޓް"، "ޓީމް" އަދި "ޓެނިސް ކޯޓް" ފަދަ ތަފާތު ލަވަތަކާއެކު 2013 ވަނަ އަހަރުން ފެށިގެން އެތައް ބައެއްގެ މަގުބޫލުކަން ހޯދި އުމުރުން 21 އަހަރުގެ ލަވަކިޔުންތެރިޔާ ބުނި ގޮތުގައި، އިސްރާއީލުގައި ބާއްވާ ޝޯ އޭނާ ކެންސަލް ކުރީ، ގިނަ ބަޔަކު އެކަމަށް ބާރު އަޅަމުން ދިއުމުންނެވެ.
"ގިނަ ބައެއްގެ ގިނަ ޝުއޫރުތަކެއް އަޑު އެހުމަށްފަހު، އަހަރެންނަށް ހީވަނީ މިވަގުތަށް އެންމެ ރަނގަޅު ނިންމުމަކީ ޝޯ ކެންސަލްކުރުން ހެން،" ލޯޑް ބުންޏެވެ.
ދެ ގްރެމީ އެވޯޑުވެސް ހޯދާފައިވާ ލޯޑްގެ މި ނިންމުމާ ގުޅިގެން އިސްރާއީލުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި އޭނާގެ ގައުމު، ނިއުޒިލެންޑުގައި ހުންނަވާ އިސްރާއީލުގެ ސަފީރު ވަނީ ލޯޑްއަށް އާންމު ސިޓީއެއްވެސް ފޭސްބުކް މެދުވެރިކޮށް ފޮނުވައިފައެވެ.
އެ ސިޓީގައި ނިއުޒިލެންޑަށް އިސްރާއީލުން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އިޓްޒަކް ގަރބާގް ވިދާޅުވީ، މިއުޒިކަކީ އެކުވެރިކަމާއި ގުޅުން ބަދަހިކުރަން އެހީތެރިވެދޭ އެއްޗެއް ކަމަށާއި، ލޯޑް އިސްރާއީލުގައި ޝޯ ދިނުމަކީ މެދުއިރުމަތީގައި ސުލްހައަށްޓަކައި ކުރިއަށް އެޅޭ ފިޔަވަޅަކަށްވެސް ވެދާނެ ކަމަށެވެ.
އަދި ސަފީރު ވަނީ މެދުއިރުމަތީގައި އޮތް ޑިމޮކްރަސީއެއްގެ ގޮތުގައި އިސްރާއީލުން އަދާކުރާ ރޯލާ ބެހޭގޮތުން މައުލޫމާތު ހޯދަން އޭނާއާ ބައްދަލުކުރުމަށް ލޯޑްއަށް ދައުވަތު ވެސް ދީފައެވެ.
އިސްެރާއީލުގައި ބާއްވަން ރާވާފައިވާ ޝޯ ކެންސަލްކުރުމާ ގުޅިގެން، ފަލަސްތީނަށް ސަޕޯޓުކުރާ ގިނަ ބަޔަކު ދަނީ ލޯޑްއަށް ތައުރީފު ކުރަމުންނެވެ.