11 Aug 2011, 16:12
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްވާ ދެވަނަ ފުރުސަތުގެ ދަށުން މިނިވަންކުރާ 400 ގައިދީންގެ ތެރެއިން 47 ގައިދީއަކު މިރޭ މިނިވަން ކުރާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ހުސެއިން ވިދާޅުވީ، މަސްތުވާތަކެއްޗާއި އަދި ވައްކަމުގެ މައްސަލަތަކުގައި ޖަލު ހުކުމް ތަންފީޒް ކުރާ 47 ގައިދީއަކު އެ މީހުންގެ އާއިލާތަކާ މިރޭ ހަވާލުކުރާނެ ކަމަށެވެ. އޭގެ ތެރެއިން ރިހިބިލިޓޭޝަން ފަރުވާހޯދަންޖެހެނީ އެންމެ ގައިދީއެއް ކަމަށާއި ކެންސަރު ބައްޔަށް ފަރުވާ ހޯދަންޖެހޭ އެއްގައިދީއަކު ހިމެނޭ ކަމަށް ލުބްނާ ވިދާޅުވި އެވެ.
އަދި އެހުރިހާ ގައިދީންވެސް ގަވައިދުން ބަރާބަރަށް ދެވަނަ ފުރުސަތުގެ އޮފީހުން ހިންގާ ކައުންސިލިން ޕްރޮގްރާމް ތަކުގައި ބައިވެރިވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެސެސްމަންޓްތަށް ހަދާފައި އޭގެން ފާހަގަކުރެވުނު 47 ގައިދީންގމިރޭ މިދޫކޮށްލަނީ. އެމީހުން އާއިލާތަކާއި ހިސާބަށް ދިޔަނަމަވެސް އެމީހުން ޖެހޭނެ ދެވަނަ ޕްރޮގްރާމްގެ އޮފީހުން އެ އޮންނަ ކައުންސިލިން ޕްރޮގްރާމް ތަކުގައި ބައިވެރިވެގެން ފަރުވާހޯދަން،" ލުބްނާ ވިދާޅުވި އެވެ.
މަދަނައިގެ ދަށުން ބޭސްފަރުވާ ލިބޭނެ ގޮތާއި އަދި މަދުވެގެން 2000ރ. ގެ ވަޒީފާގެ ފުރުސަތު ދިނުމަށްފަހު މިރޭ މިނިވަންކުރާ ގައިދީންގެ ތެރެއިން 16 ގައިދީއަކު ވަޒީފާ އަދާކުރާނީ އެމްއެމްޑީއެފްގެ އިންޖިނިއަރިން ކޯގައި ކަމަށާއި ދެން ތިބި ގައިދީންވެސް ސަރުކާރުގެ އެކި ކުންފުނިތަކުގައި ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
"މީގެ ތެރޭގައި އާއިލާތަކުން ހަވާލުނުވާ އެއްވެސް ކުއްޖެއް ނެތް. އެ ކުދިން އެހެންވެ އާއިލާތަކާއި ބައްދަލުކޮށްލަން ދެތިން ދުވަސް ދޭނެ. އޭގެ ފަހުން އެކުދިން މިކޮޅުން ހިންގާ ޕްރޮގްރާމްތަކާއި އަދި ވަޒީފާއަށް ނިކުންނަން ޖެހޭނެ،" ލުބްނާ ވިދާޅުވި އެވެ.
މިނިވަންކުރާ ގައިދީންގެ ފުރަތަމަ ބެޗަކީ ޒުވާނުންކަމުގައިވިޔަސް 45-50 އަހަރުގެ ދެތިން މީހަކު ހިމެނޭ ކަމަށާއި އެ މީހުން އަލުން މުޖުތަމައަށް ނެރެވޭނެ ގޮތްތަކެއް ހޯދައިދިނުމަށް ޕުރޮގްރާމްތައް ރާވާނެ ކަމަށް ވެސް ލުބްނާ ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު މުހަންމަދު ނައީމް (މޮނާޒާ) މިއަދު ވިދާޅުވީ، އެ ކުށްވެރިންނަކީ މުޖުތަމައަށް ނުރައްކަލެއް ނެތް ކުދި މައްސަލަތަކުގައި ކުރު މުއްދަތުތުގެ ހުކުމެއް ތަންފީޒް ކުރަމުން އަންނަ މީހުން ކަމަށާއި އެހުރިހާ ކުށްވެރިން ފުލުހުންނާއި ގުޅިގެން ރަނގަޅަށް ބަލައި މޮނީޓާ ކުރާނެ ކަމަށެވެ.
"މީގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރި މީހުންނާއި ކުޑަކުދިންނާއި ބެހޭ މީހުންނާއި މިކަހަލަ އެއްވެސް މުޖުތަމައަށް ނުރައްކާތެރި ދިގު މުއްދަތަށް ހުކުމް ކޮށްފައިވާ އެއްވެސް ގައިދީއަކު ދުލެއް ނުކުރާނަން. މިކުދިންގެ އުޅުންވެސް ވަރަށް ބޮޑަށް ރަނގަޅުވެފައި ތިބި ކުދިން މިއީ. އަޅުގަނޑުމެންގެ ޒިންމާއެއް އެއީ މުޖުތަމައުގެ ރައްކާތެރިކަން ގާއިމް ކޮށްދިނުން. ކޮންމެ 2000 މީހެއްގެ އާބާދީއަކަށް ފުލުހުން ތިބޭނެ. އެހެންވެ އަޅުގަނޑުމެން ފުލުހުން މެދުވެރިކޮށް އެމީހުން ބަލައި، މޮނީޓާ ކުރަމުން ގެންދާނަން،" މޮނާޒާ ނައީމް ވިދާޅުވި އެވެ.
ދެވަނަ ފުރުސަތުގެ ދަށުން މިނިވަން ކުރާ އެއްވެސް ކުށްވެރިއަކު ދެވަނަ ފުރުސަތު އޮފީހުގެ އެއްވެސް ޕްރޮގްރާމަކާއި ހިލާފުވެއްޖެ ނަމަ އަލުން ދާންޖެހޭނީ ޖަލަށް ކަމަށް ވެސް މޮނާޒާ ވިދާޅުވި އެވެ.
"މީގެން އެއްވެސް ކުށްވެރިއަކު އަޅުގަނޑުމެންގެ މި ގޮތްތަކާ ހިލާފުވެއްޖެ ނަމަ އެނބުރި ޖަލަށް ދާން ޖެހޭނީ. އެއްވެސް ކުއްޖަކަށް އެނޫން ގޮތެއްް ނޯންނާނެ،" މޮނާޒާ ނައީމް ވިދާޅުވި އެވެ.
މިރޭ ގައިދީންތަކެއް މިނިވަން ކުރާއިރު 21 ގައިދީއަކު ވަނީ މަނާ ބޭހަށް ޕޮޒިޓިވްވުމާ ގުޅިގެން މިނިވަން ކުރުން ފަސްކޮށްފަ އެވެ. އޭގެ ތެރެއިން އަކަކު ވެސް މިރޭ މިނިވަންކުރާ ގްރޫޕްގައި ނުހިމެނޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ގައިދީންގެ ކަންތައްތައް ބެލެހެއްޓުމަށް ގާޒީ ބިލްޑިންގުގައި ދެވަނަ ފުރުސަތު ޕްރޮގްރާމްގެ އޮފީހެއް ގާއިމް ކޮށްފަ އެވެ. އެއާއި އެކު ރައީސް މިއަދު ވަނީ އެ އޮފީހުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ސްޓިއަރިން ކޮމިޓީއަކާއި ޓެކްނިކަލް ކޮމިޓީ އެއް ވެސް އެކުލަވާލައްވައިފަ އެވެ.