އިނގިރޭސިވިލާތުގެ މެންޗެސްޓަރގައި ހުންނަ 12 ބުރީގެ ފްލެޓު އިމާރާތެއްގައި ރޯވި އަލިފާންގަނޑު ކުޑަ ވަގުތުކޮޅެއް ތެރޭގައި ނިއްވާލައިފިއެވެ.

އިއްޔެ މި ހާދިސާ ހިނގީ، މެންޗެސްޓަރގައި ހުންނަ އެޕާޓްމެންޓް ބްލޮކެއްގައި ހުރި 12 ބުރީގެ އިމާރާތެއްގެ ނުވަވަނަ ފަންގިފިލާގައެވެ. އެންމެ ބޮޑަށް ގެއްލުން ލިބުނީ 10 އާއި 11 ވަނަ ފަންގިފިލާއަށެވެ. އެހެން ނަމަވެސް ޖުމްލަކޮށް މުޅި އިމާރާތަށް މާ ބޮޑު ގެއްލުމެއް ނުލިބެއެވެ.

މެންޗެސްޓަރގައި އަލިފާން ނިއްވުމުގައި އުޅުނު ފަރާތްތަކުން ބުނި ގޮތުގައި، އަލިފާންގަނޑު ކުޑަކޮށް ނަމަވެސް ފެތުރެން ދިމާވި ސަބަބަކީ ބެލްކަނީތައް ލަކުޑިން ހަދާފައި ހުރުމެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އުފެދުނު ދުންގަނޑު ބޯވެ، ނޭވާލާން ދަތިވެގެން މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނެވެ. އެހެން ނަމަވެސް އިތުރު މީހަކަށް ގެއްލުމެއް ނުވެއެވެ.

އަދި އަލިފާންގަނޑު ކުޑަ ވަގުތުކޮޅެއް ތެރޭގައި ކޮންޓްރޯލްކޮށް، ނިއްވާލެވުނެވެ.