އެމްޑީޕީގެ ފަރާތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޓިކެޓް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ފެށޭ މޭ މަހު ރިޔާސީ ޕްރައިމަރީ ބާއްވަން އެމްޑީޕީން ނިންމައިފި އެވެ.

މާބްލް ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީ އިން ރިޔާސީ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީ ފެށޭ އަހަރުގެ މޭ މަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީން ބޭނުން ވަނީ އެ ޕާޓީން ހޮވާ ކެންޑިޑޭޓަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓަށް ވުން ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުން ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލާނީ ފެށޭ މާޗު މަހުގެ ތެރޭގަ އެވެ.

"މޭ މަހުގެ ތެރޭގައި ޕްރައިމަރީ ބާއްވާ ކެންޑިޑޭޓަކު އިންތިހާބު ކުރެވޭނެ. އަޅުގަނޑުމެންގެ އަމާޒަކަށް ވާނީ އެމްޑީޕީގެ ކެންޑިޑޭޓަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓަށް ވުން،" ހަސަން ލަތީފު ވިދާޅުވި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރޭ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު އެކުލަވާލާ ސަރުކާރަކީ ހުރިހާ ޕާޓީތަކެއް ޝާމިލުވާގޮތަށް އެކުލަވާލެވޭ ސަރުކާރަކަށް ހެދުމަށް އެމްޑީޕީން ހުށަހަޅާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ޕާޓީތަކާ އެކު ކުރަން ޖެހޭ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް މަގުފަހި ނުވެއްޖެ ނަމަ އެމްޑީޕީން ކެންޑިޑޭޓަކު ނެރޭނެ ކަމަށް ހަސަން ވިދާޅުވި އެވެ. ނަމަވެސް އެންމެ ފަހުވަގުތާ ޖެހެންދެން ގުޅިފައިވާ ޕާޓީތަކުން ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މެނިފެސްޓޯ ތައްޔާރު ކުރުމާއި މުޅި ރާއްޖޭގައި ކެމްޕޭން ކުރުމާއި ކަންކަން ޖެނުއަރީ މަސް ތެރޭގައި ފަށާނެ ކަން ފާހަގަކޮށް ހަސަން ވިދާޅުވީ "ރިޔާސީ އިންތިހާބު އަންނައިރު ތިބޭނީ ފިސާރި ރަނގަޅަށް ތައްޔާރުވެގެން" ކަމަށެވެ.

އެމްޑީޕީމް ކެންޑިޑޭޓެއް ނެރުނު ނަމަވެސް ނުވަތަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރުނު ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ކުރިމަތިވެދާނެ ގޮންޖެހުންތަކަކަށް ތައްޔާރަށް ތިބި ކަމަށް ހަސަން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ ރައީސް ޔާމީން ބަލި ކުރުމަށް ޓަކައި އެވަގުތެއްގައި ހުރި ކެންޑިޑޭޓަކާ އެކީ މަސައްކަތް ކުރަން ތައްޔާރަށް،" ހަސަން ވިދާޅުވި އެވެ.

މިހާތަނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން ޔަގީންވެފައިވާ ހަމައެކަނި ކެންޑިޑޭޓަކީ ރައީސް ޔާމީން އެވެެ.