31 Dec 2017, 13:03
އިންޑިއާގެ ބަޖެޓު އެއާލައިން "ގޯއެއާ"އިން އަންނަ ފެބްރުއަރީ މަހު ރާއްޖެއަށް ދަތުރުތައް ފެށުމަށް ޓަކައި އެގައުމުގެ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަންގެ ހުއްދައަށް އެދިއްޖެ އެވެ.
ގޯއެއާއަކީ އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ ބަޖެޓު އެއާލައިނެކެވެ. މިހާތަނަށް އެ އެއާލައިންގެ ދަތުރުކުރަމުން އަންނަނީ އިންޑިއާގެ އެތެރޭގެ މަންޒިލުތަކަށް އެކަންޏެވެ. ރާއްޖެ ވެގެން ދާނީ ގޯއެއާގެ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ މަންޒިލަށެވެ.
ގޯއެއާ އިން ރާއްޖެއަށް ދަތުރުތައް ފެށުމުގެ މަސައްކަތްތައް ފެށީ މިދިޔަ އަހަރު އެވެ. އެގޮތުން 2016 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ ތެރޭގެ އެކި ތާރީޚުތަކުގައި ދަތުރުތައް ފެށުމަށް ގޯއެއާއިން މަސައްކަތް ކުރިއެވެ.
އެހެން ނަމަވެސް ގޯއެއާއިން ބުނި ގޮތުގައި، ބައިނަލްއަގުވާމީ ދަތުރުތައް ފެށުން ލަސްވީ، އެ އެއާލައިނުން އޯޑަރުކުރި ބޯޓުތަކުގެ ޑެލިވަރީ ލަސްވުމުންނެވެ. ގޯއެއާ އިން ބައިނަލްއަގުވާމީ ދަތުރުތައް ފެށުމަށްޓަކައި އޯޑަރުކުރީ އެއާބަސް އޭ320 ނިއޯ މަރުކާގެ ބޯޓުތަކެކެވެ.
ޓައިމްސް އޮފް އިންޑިއާ ރިޕޯޓުކުރާ ގޮތުގައި، ގޯއެއާ އިން މިހާރު ވަނީ ރާއްޖެއަށް ދަތުރުތައް ފެށުމަށް ޓަކައި އެންމެ ފަހުގެ ތައްޔާރީތައް ވެ، ދަތުރުކުރުމުގެ ހުއްދައަށް އެދި ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނަށް ހުށަހަޅައިފަ އެވެ.
ގޯއެއާ ދަތުރުކުރާނީ މުމްބާއީގެ ޗަތުރަޕަތީ ޝިވާޖީ އިންޓަނޭޝަނަލް އެއާޕޯޓާ، މާލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަންގެ އޮފިޝަލަކު ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވަނީ، ގޯއެއާ އިން ރާއްޖެއަށް ދަތުރުތައް ފަށާނެ ތާރީޚެއްގެ ގޮތުގައި ބަލަނީ، 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ކަމަށް ކަމަށެވެ.
މިހާރު ރާއްޖެއާއި އިންޑިއާއާ ދެމެދު ސީދާ ދަތުރުތައް ކުރާ އެއާލައިންތަކަކީ ކޮޗިން އަދި ޓްރިވެންޑްރަމުން މާލެއަށް ދަތުރުކުރާ ބަޖެޓު އެއާލައިން ސްޕައިސްޖެޓް، ބެންގަލޫރަށާއި ޓްރިވެންޑްރަމް މަގުން ނިއުދިއްލީއަށް ދަތުރުކުރާ އެއާ އިންޑިއާ، އަދި ޓްރިވެންޑްރަމާއި ޗެންނާއީއަށް ދަތުރުކުރާ މޯލްޑިވިއަން އެވެ.