31 Dec 2017, 12:02
އެލައިޑު އިންޝުއަރެންސް ކުންފުނިން އިންޝުއާ ކޮށްފައިވާ ފަރާތްތަކަށް މި އަހަރު 158.3 މިލިއަނަށް ވުރެ ގިން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެލައިޑުން ބުނެފި އެވެ.
މި އަހަރުގެ ތަފާސް ހިސާބުތަށް މިއަދު އެލައިޑުން ވަނީ އާންމު ކޮށްފަ އެވެ. އެގޮތުން ހަމަ އެކަނި ޑިސެމްބަރު މަހު ވެސް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންޝުއަރެންސްގެ ގޮތުގައި ކަސްޓަމަރުންނަށް ދޫކޮށްފައިވާކަން ތަފާސް ހިސާބު ތަކުން އެނގެ އެވެ.
މި އަހަރުގެ މޭ މަހުގެ ތެރޭގައި އެލައިޑުން ވަނީ ފަސް ދުވަހުގެ ތެރޭގައި 5,500,000 އަށް ވުރެ ގިނަ ފައިސާ ވެސް ދޫކޮށްފަ އެވެ. އެއީ އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ގިނަ ފައިސާތަކެއް ދޫކުރި ފަހަރު ކަމަށް އެލައުޑުން ބުނެ އެވެ.
އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަސްޓަމަރުންނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފަސް ދުވަހުގެ ތެރޭގައި 4.3 މިލިއަން ރުފިޔާ އެލައިޑުން ވަނީ ދޫކޮށްފަ އެވެ.
އެލައިޑަކީ ރާއްޖެއަށް ފުރަތަމަ ފަހަރަށް އިންޝުއަރެންސްގެ ޚިދުމަތް ތައާރަފްކުރި ކުންފުންޏެވެ. އެ ކުންފުނި އުފެއްދީ އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އިންޝުއަރެންސް ކުންފުންޏާއި އެސްޓީއޯ ގުޅިގެން 1985 ވަނަ އަހަރު އެވެ. ނަމަވެސް އެލައިޑްގައި އޮތް ކޮމާޝަލް ޔޫނިއަންގެ ހިއްސާ އެސްޓީއޯ އިން ފަހުން ވަނީ ގަނެފަ އެވެ.