ލައިފް ޖެކެޓް ތުރުނުކުރައްވާ ޑިންގީ ދުއްވުމުގެ ސަބަބުން އޮސްޓްރޭލިއާގެ ބޮޑު ވަޒީރު މެލްކޮމް ޓާންބުލް 250 ޑޮލަރުން ޖޫރިމަނާ ކުރައްވައިފި އެވެ.

'ދަ ޓެލެގްރާފް' ނޫހުގައިވާ ގޮތުން މެލްކޮމް ޖޫރިމަނާ ކުރައްވާފައި ވަނީ ސިޑްނީގައި ޑިންގީ ދުއްވަނިކޮށް ކަމަށާއި އެ ޑިންގީ ދުއްވަން އިން މަންޒަރު ފޮޓޯ ނެގުމަށް ފަހު ޓްވިޓާ އަށް ލާފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

ޓާންބުލް ވަނީ އޭނާގެ ފޭސްބުކް އެކައުންޓްގައި އެކަމަށް މައާފަށް އެދި ސްޓޭޓަސްއެއް ލިޔުއްވާފަ އެވެ.

އޭނާ ވިދާޅުވީ ޑިންގީ ދުއްވެވީ ޖެޓީން ފެށިގެން 20 މީޓަރުގެ ރާސްތާއަކަށް ކަމަށާއި ދެން އެކަހަލަ ކަމެއް ތަކުރާރު ނުވާނެ ކަމަށެވެ.