މާލޭގައި މިދިޔަ އަންގާރަ ދުވަހުގެރޭ ހައުސިން މިނިސްޓަރުގެ ނައިބު، ހުސައިން ޝާހިދު ދުއްވައިފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި، އަނިޔާވުމާ ގުޅިގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އެބަދެ އެވެ.

ޝާހިދު ވިދާޅުވީ، އޭނާ ވެއްޓުނީ ވާރޭވެހި މަގުމަތި ތެމިފައި ވަނިކޮށް ކަހާލައިގެން ކަމަށެވެ. އަދި ވެއްޓި ކޮންމެވެސް ވަރަކަށް އަނިޔާވި ކަމަށާއި އެހެންނަމަވެސް، ސީރިއަސް އަނިޔާއެއް ނުލިބޭ ކަމުގައި އޭނާ ވިދާޅުވި އެވެ.

"މާދަމާ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ބެލެވެނީ،" ޝާހިދު ވިދާޅުވި އެވެ.

ނަމަވެސް، ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ހާދިސާގައި ސައިކަލް ކަހާލައިގެން ވެއްޓި ޕޭމަންޓްގައި ބޯޖެހި ޝާހިދު ހޭނެތުނެވެ. ހޭއެރީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް ވެއެވެ.

އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

ހައުސިންގެ މިނިސްޓަރުގެ ނައިބަކަށް ޝާހިދު އައްޔަންކުރެއްވީ ނޮވެމްބަރު 30، 2010 ގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ސަދަން ޔުޓިލިޓީސްގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގަ އެވެ.

އޭނާއަކީ އައްޑޫގެ އެމްޑީޕީ ގޮފީގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅެވެ.