31 Dec 2017, 10:17
ރާއްޖެއަށް ޓޫރިސްޓުންގެ ހިތް ޖެއްސުމަށް ޓަކައި ރާއްޖޭގެ ރީތިކަން މުޅި ދުނިޔެއަށް ވިއްކަމުން ދިޔަ ގޮތް ބަދަލުކުރުމަށް މި އަހަރު މަޖުބޫރުވި އެވެ. ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކަނޑައެޅި ބަޖެޓު ކުޑަކުރުމެވެ.
ބަޖެޓު ކުޑަކުރުމާ އެކު، ރާއްޖެ މާކެޓުކުރަން ޖެހޭ ވަރަށް މާކެޓު ނުވެ، ފަތުރުވެރިންނާ ހަމައަށް ދިވެހިރާއްޖޭގެ އިޝްތިހާރުތައް ނުފޯރާފާނެކަމުގެ ބިރު ހީވެ، އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފެށި އެވެ. އެހެން ނަމަވެސް މިކަން އެންމެ ފަހުން ވެގެން ދިޔައީ ދިވެހި ފަތުރުވެރިކަމަށް ލެއްވި ރަހުމަތަކަށެވެ.
މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަނުގެ އެކްޓިންގް މެނޭޖިންގް ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވި ގޮތުގައި، މި އަހަރަށް ކަނޑައެޅި މާކެޓިންގް ބަޖެޓު ކުޑަވުމާ އެކު، އެމްއެމްޕީއާރުސީން ޖެހުނީ ރާއްޖެ އިޝްތިހާރުކުރުމުގައި ގެންގުޅެމުން އައި އުކުޅުތައް ބަދަލުކުރާށެވެ.
ފަތުރުވެރިންތަކެއް މާލޭގައި-- ސަން ފޮޓޯ
ޒީރޯ ކޮސްޓުގައި މާކެޓުކުރުން
ހާރިސް ވިދާޅުވީ، ޓޫރިޒަމް އިޝްތިހާރުކުރުމުގައި ކުރިން ކުރަމުން އައި ބޮޑެތި އިސްރާފުތަކެއް ހޯދައި އެމްއެމްޕީއާރުސީން އެކަންކަން މަދުކުރި އެވެ.
"އަބަދު ވެސް ޕްރޮމޯޝަން މެޓީރިއަލްސް ހަދަން ބޮޑު ހޭދައެއް ކުރަން. ނަމަވެސް އާ ކޮންސެޕްޓުގެ ދަށުން ކުރި ކަމަކީ، އެ މޮޑެލް ބަދަލުކޮށް، ތަކެތި ހަދަން ބަޔަކާ ހަވާލުކުރީ. ޑިޒައިންކުރުމާއި ހުރިހާ ޚަރަދެއް އެބަޔަކު ކޮށްފައި، އެމީހުން އިންޑަސްޓްރީ ސްޕޮންސާޝިޕް ނަގާ އަޅުގަނޑުމެންނަށް ރޮޔަލްޓީއެއް ދީފައި،"
ރާއްޖެ އައި ފަތުރުވެރި އާއިލާއަކަށް އެމްއެމްޕީއާރުސީގެ އެކްޓިންގް އެމްޑީ ހާރިސް މަރުހަބާ ވިދާޅުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މެޓީރިއަލް ހެދުން މުޅިން އައުޓްސޯސްކޮށް، އޭގެން އެމްއެމްޕީއާރުސީއަށާއި ތަކެތި ހަދާ ފަރާތްތަކަށް ވެސް ބޮޑު ފައިދާއެއް ލިބޭ ނިޒާމެއް ހޯދިފައިވާ އިރު، ހާރިސް ވިދާޅުވި ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާއާއި ޓޫރިޒަމް މިނިސްޓްރީގެ އިރުޝާދުގެ ދަށުން ގެނައި ބަދަލެކެވެ.
ރާއްޖެ، ފަތުރުވެރިންގެ ފަރާތުން ފަތުރުވެރިންނަށް
އެމްއެމްޕީއާރުސީގެ އެކްޓިންގް އެމްޑީ ވިދާޅުވި ގޮތުގައި، ރާއްޖެ އަންނަ ގިނަ މީހުންނަށް ރާއްޖެއާ ބެހޭ މައުލޫމާތު އެނގެނީ، ކުރިން ރާއްޖެއަށް ޒިޔާރަތްކުރި މީހުން ރާއްޖެއާ ބެހޭ ގޮތުން ދައްކާ ވާހަކައިން ކަމަށް މާކެޓު ރިސާޗު ދައްކަ އެވެ.
"ހާފަށް ވުރެ ގިނަ މީހުންގެ ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރާ މީހެއް އެ ވާހަކަ ކިޔައިދިނުމުން ޝައުގު އުފެދުން. ދެވަނަ ކަމަކީ ރާއްޖެއާ ބެހޭ ގޮތުން އޮންލައިންކޮށް ލިބެންހުރި މައުލޫމާތު،"
މި ހަގީގަތަށް ވެސް ރިއާޔަތްކޮށް، ދެމެހެއްޓެނިވި (ސަސްޓެއިނަބަލް) މާކެޓިންގް އުކުޅުތައް ބޭނުންކުރުމުގެ ގޮތުން އެމްއެމްޕީއާރުސީން މި އަހަރުގެ ވަނީ "އެޑްވެންޗާސް އޮފް މޯލްޑިވްސް"ގެ ނަމުގައި ވީޑިއޯ މުބާރާތެއް ބާއްވައިފަ އެވެ.
ކ. ހިންމަފުށީގައި ދިވެހި ޒުވާނަކާއި ފަތުރުވެރިޔެއް ރާޅާއަޅަން ދަނީ: ގެސްޓް ހައުސް ވިޔަފާރި ހިންމަފުށީގައި ދަނީ ފުޅާވަމުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"ރާއްޖޭގެ ރީތިކަން، ރާއްޖެ ޒިޔާރަތްކުރާ މީހުންގެ ޕާސްޕެކްޓިވުން ދައްކަންޖެހެނީ. އެއީ ރާއްޖެ އައިސް ރާއްޖެ ދެކޭގޮތް އެހެން މީހުންނާ ހަމައަށް ފޯރުކޮށްދޭން،" ހާރިސް ސަންއަށް ވިދާޅުވި އެވެ.
ހަހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ހުށަހެޅި މި މުބާރާތަށް ހަދާ ވީޑިއޯތަކުގެ ތެރެއިން އެއްވަނައަށް ދަނީ، ފޭސްބުކްގައި އެންމެ ގިނަ ލައިކާއި ޝެއާ ހޯދާ ވީޑިއޯ އެވެ.
ވީޑިއޯ ހެދި ފަރާތްތަކުން މުބާރާތް ކާމިޔާބުކުރުމުގެ މަސައްކަތް ވެގެން ދިޔައީ ފޭސްބުކްގައި ރާއްޖޭގެ އެޑްވެންޗާތައް ދައްކައިދޭ ވީޑިއޯތައް ވަރަށް ހަލުއިކޮށް ފެތުރިގެން ދިއުމެވެ.
ވަރުގަދަ ވިއުގައަކާއި ވިޒިޓްމޯލްޑިވްސްގެ އާ ވެބްސައިޓު
ހާރިސް އިތުރަށް ވިދާޅުވީ، އިންޓަނެޓާއި އެހެނިހެން ތަންތަނުގައި ވެސް ރާއްޖެއާ ބެހޭ ގޮތުން ޝާއިއުކުރާ ތަކެތި ބެލޭނެ ވިއުގައެއް ގާއިމުކުރެވިފައިވާ ކަމަށެވެ.
"މި ޕްލެޓްފޯމްގެ ދަށުން ރާއްޖެއާ ގުޅޭ ގޮތުން އެކި ތަންތަނުގައި ދައްކާ ވާހަކަތައް ދުވަހުން ދުވަހަށް ރިއަލްޓައިމްކޮށް ބެލޭނެ،" ހާރިސް ވިދާޅުވި އެވެ.

އެހެންކަމުން، އެމްއެމްޕީއާރުސީއަށް ލިބިފައި ހުރި ވަސީލަތްތައް އިސްރާފުނުކޮށް، އެންމެ ބޮޑަށް ބޭނުންކުރަންވީ ދާއިރާތަކާއި ގޮތްތައް ކަނޑައަޅަން ފަސޭހަވެގެން ދާ ކަމަށް ހާރިސް ވިދާޅުވި އެވެ.
މީގެ އިތުރުން، އޮންލައިން މާކެޓިންގް ވަރުގަދަކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްގެ ވެބްސައިޓު، ތަފާތު 15 ބަހަކުން ލޯންޗުކުރެވިގެން ދިއުމަކީ ވެސް ކުރިއެރުމެއް ކަމަށް ހާރިސް ވިދާޅުވި އެވެ.
އަންނަ އަހަރަށް ފޮނި އުންމީދުތަކެއް
މި އަހަރަށް ޓޫރިޒަމް ވަރަށް ކާމިޔާބުކަން ހާމަކޮށްދެނީ، 2016 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މި އަހަރުގެ ޑިސެމްބަރު މަސް ފެށުނު އިރު ވެސް ފަހަނަ އަޅައި ގޮސްފައި ވާތީ އެވެ.
ހާރިސް ލަފާކުރައްވާ ގޮތުގައި މި އަހަރު ނިމޭ އިރު އެވެ. އެއީ މިހާތަނަށް ރާއްޖެއަށް ރެކޯޑު އަދަދެކެވެ.
މި އަހަރު ޓޫރިޒަމް ޕްރޮމޯޝަނަށް ގެންގުޅުނު އާ، އީޖާދީ އަދި ދެމެހެއްޓެނިވި އުކުޅުތައް އިތުރަށް ތަރައްގީކޮށްގެން 2018 ވަނަ އަހަރު ވެސް މި މަސައްކަތް ކުރުމަށް އެމްއެމްޕީއާރުސީ އޮތީ ތައްޔާރަށެވެ.