31 Dec 2017, 00:03
އިސްލާމްދީނާ ދެކޮޅު ވާހަކައެއް މީހަކު ދެއްކިޔަސް އަތްއިސްކޮށް، ލޭއޮހޮރުވުންފަދަ ކަމެއްކޮށްގެންނުވާނެ ކަމަށް ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޝަހީމް ވިދާޅުވީ އިސްލާމްދީނާ ދެކޮޅު ވާހަކައެއް މީހަކު ދެއްކިޔަސް އަޅުގަނޑުމެން ޖެހޭނީ އިސްލާމްދީނުގައި އެކަން އޮންނަގޮތް ރިވެތިގޮތުގައި ބަޔާންކޮށްދޭން ކަމަށާއި އެފަދަ މީހުންނާ މުއާމަލާތް ކުރަންޖެހޭނީ އިސްލާމްދީނުގެ ރަނގަޅު ދަލީލުތަކާއި ހުއްޖަތް ގާއިމްކޮށްގެން ކެތްތެރިކަމާއެކު ކަމަށެވެ.
އިސްލާމްދީނުގެ އަގީދާއަށް ދިވެހިރައްޔިތުންގެ ހިތްތަކުގައި މަތިވެރި ލޯތްބަކާއި ގަދަރެއް ދެވިފައި އޮންނާތީ އެކަމަށްޓަކައި ރާއްޖެއަށް އަބަދުވެސް ހަސަދަވެރިވާ ބަޔަކު އުޅޭ ކަމަށާއި ތާރީޚުން ވެސް އެކަން ފެންނަން އެބައޮތް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
"ރާއްޖޭގެ ދިގު ތާރީޚަށް ބަލާއިރު، އިސްލާމްދީނުގެ އަގީދާގެ މަތީގައި މިދިޔަ ތާރީޚަށް ބަލާއިރު، ވަރަށް ގިނަ ކޮންޖެހުންތައް އިސްލާމްދީނާ ވިދިގެން ރާއްޖެއަށް ކުރިމަތިވެފައި އެބަހުރި. އޭގެތެރޭގައި އެބަހުރި ވަރަށް ގިނައިން ތާރީޚުން އެނގެން އަބަދުވެސް ދިވެހީންގެ ތެރެއިން ބަޔަކު މިކަންކަމުގައި ދިވެހިރާއްޖޭގައި އިސްލާމްދީނާ ދެކޮޅަށް މަސައްކަތްކުރާކަން،" ޑރ. ޝަހީމް ވިދާޅުވިއެވެ.
އެ ހުރިހާ ގޮންޖެހުންތަކާއެކު ދިވެހިރައްޔިތުން އިސްލާމްދީނުގެ އަގީދާގެ މަތީގައި މިއަދާހަމައަށް ސާބިތުވަމުން އައީ ދިވެހިރައްޔިތުން އެކަމުގައި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއެކު ވަރުގަދައަށް ތިބުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްލާމްދީނަކީ ހައްގުދީންކަން އަޅުގަނޑުމެން އެބަޖެހޭ ގަބޫލުކުރަން. ﷲ ސުބުހާނަހޫ ވަތައާލާގެ ތައުހީދުގެ މަތިވެރި ރިސާލަތު އިންސާނުންނަށް ފޯރުކޮށްދެއްވުމަށްޓަކައި ރަސޫލުން ފޮނުއްވައި ފޮތް ބާވައިލައްވައި މިކަންތައްތަކަކީ އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ ކަންތައްތައް. އެހެންވީމަ ހަގީގަތުގައި ހުރިހާ ރަސޫލުބޭކަލުންގެ ދީނަކީ އެއް ދީނެއް،"
އޭނާ ވިދާޅުވީ މީސް މީޑިއާއަށް ބަލާއިރު، އިސްލާމްދީނާ މެދު ޝައްކުތައް އުފެދޭގޮތަށް، ބާތިލްއެއީ ހައްގުކަން މީހުންނަށް ވިސްނޭފަދަ ގޮތަކަށް ވަކާލާތުކުރާތަން ފެންނަމުންދާ ކަމަށާއި އެއީ ހިތާމަހުރި ކަމެއް ކަމަށެވެ.
"އެއީ ހިތާމަހުރި ކަމެއް ހަގީގަތުގައި. އިސްލާމްދީނަކީ ހައްގުދީން ކަމަށް ﷲ ސުބުހާނަހޫ ވަތަޢާލާ ވަނީ ޤުރުއާނުގައި ވެސް ކަނޑައަޅުއްވާފައި،" ޑރ. ޝަހީމް ވިދާޅުވިއެވެ.
އިސްލާމްދީނާމެދު ޝައްކު އުފެދޭގޮތަށް ވާހަކަދައްކާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ކުރީގެ އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ހިތްވަރު ލިބޭފަދަ ވާހަކަތަކެއް ހިމެނޭ ޓްވީޓެއް މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކުގެ ރައީސް ޝަހިންދާ އިސްމާއިލް ކުރެއްވުމުން އެތައްބަޔަކު އަންނަނީ އެކަމާ ނުރުހުންފާޅުކުރަމުންނެވެ.
ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ އެފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.