30 Dec 2017, 19:30
އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ހިތްވަރު ލިބޭފަދަ ވާހަކަތަކެއް ހިމެނޭ ޓްވީޓެއް މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކުގެ ރައީސް ޝަހިންދާ އިސްމާއިލް ކުރެއްވުމުން އެކަން ކުށްވެރިކޮށް އިދިކޮޅު ލީޑަރުން އެއްޗެއް ވިދާޅުނުވާތީ ޕީޕީއެމް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ޓްވީޓާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އާއި ބައެއް ދީނީ އިލްމުވެރިންނާއި ސަރުކާރަށް ނިސްބަތްވާ ބޭފުޅުންގެ ފާޑުކިޔުންތައް ވަނީ އިދިކޮޅު ލީޑަރުންނަށް އަމާޒުވެފައެވެ. އެ ޓްވީޓުގެ މައްސަލަ ފުލުުހުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ.
ޝަހިންދާގެ އެ ޓްވީޓަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝެއިހުންނަށް ވެގެން އުޅޭ ބަޔަކު ސިވިލް ސޮސައިޓީގެ ދިފާއުގައި ވާހަކަ ދައްކަމުންދާ މީހުންނަށް ހަމަލާތަކެއް ދެމުން އަންނަ ކަމަށެވެ.
އަދި އެއީ ދިވެހި ދައުލަތުގެ ތެރެއިން އެހެން ދައުލަތެއް އުފެދިފައިވާކަމުގެ ހެއްކެއް ކަމަށާއި އޭގެ ސަބަބުން ދިވެހި ދައުލަތުގެ މައްޗަށް އެ ދައުލަތް ގަދަވެގަނެފާނެ ކަމުގެ ބިރުވެސް އެބަ އޮތް ކަމަށް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
އެކަހަލަ ޓްވީޓެއް ނަޝީދު ކުރައްވާފައި ވަނިކޮށް، ޕީޕީއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އިސްލާމްދީނާއި ހިލާފުވާ ގޮތަށް، ސަހިންދާ ކޮށްފައިވާ ޓްވީޓަށް ހިތްވަރު ދެއްވައި ޝަހިންދާގެ ދިފާއުގައި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއް ތެދުވެ ކުރައްވަމުން ގެންދާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެ ނޫސް ބަޔާނުގައި ސީދާ އެއީ ކޮން ރައީސެއްކަން ފާހަގަ ކޮށްފައި ނުވި ނަމަވެސް އެއީ ރައީސް ނަޝީދަށް އަމާޒު ކޮށްފައިވާ ވާހަކައެއްކަން އެނގެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރައްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އެފަދަ ދީނާ ހިލާފު ވާހަކަތަކެއް ދައްކަމުން ގެންދާއިރު އެބޭފުޅާއާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ސިޔާސީ ލީޑަރުން އެކަމާ އިދިކޮޅަށް އެއްެވެސް އެއްޗެއް ވިދާޅުނުވެ ހަނު ހުންނެވުމަކީ އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާއި އިދިކޮޅު ޕާޓީތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ފަރާތްތައް ހަނު ތިއްބެވުމަކީ ކުރީގައި ރައީސްކަން ކުރައްވާފައިވާ ފަރާތުން އެކުރާ މަސައްކަތްތަކަށް ތާއީދު ކުރާ ކަމެއްކަމުގައި ވެސް މިޕާޓީން ދެކެމެވެ،" ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އަދި އިސްލާމްދީނާއި ހިލާފު ބޭކާރު ވާހަކަތައް މުޖުތަމައުގެ ތެރެއަށް ފަތުރަމުން ގެންދާ މީހުންގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެފަދަ ކަންތައްތައް ކުރާ މީހުންނާމެދު ރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކުން ފިޔަވަޅު އަޅުއްވައިދެއްވުމަށް ވެސް ޕީޕީއެމް އިން ވަނީ ގޮވާލާފައެވެ.