30 Dec 2017, 14:54
ބޮލީވުޑްގައި މިއަހަރު އެންމެ އަޑުގަދަވީ ސަންޖޭ ލާލާ ބަންސާލީގެ ފިލްމު ޕަދްމާވަތީ ރިލީޒްކުރަން ސެންސަރު ބޯޑުގެ ހުއްދަ ނުލިބުމެވެ.
ނަމަވެސް މިއަދު ހަބަރުތައް ބުނާ ގޮތުން ބަދަލުތަކަކާ އެކު ފިލްމު ރިލީޒް ކުރުމުގެ ހުއްދަ ދޭން އިންޑިއާގެ ސެންސަރު ބޯޑުން ވަނީ ނިންމައިފަ އެވެ. އެ ބަދަލުތަކުގެ ތެރޭގައި ހިމެނެނީ "ޕަދްމާވަތީ"ގެ ނަން "ޕަދްމާވަތް" އަށް ބަދަލުކުރުމާއި 26 މަންޒަރެއް ފިލްމުން އުނި ކުރުމެވެ.
މީގެ އިތުރުން ފިލްމު ފެށުމުގެ ކުރިންނާއި އިންޓަވަލް އަށް ފަހު "ޑިސްކްލެމިއާ" އެރުވުން ވެސް ފިލްމު އެޅުވުމަށް އާނ ބަސް ބުނުމުގެ ޝަރުތުތަކުގެ ތެރޭ ހިމެނެ އެވެ.
އާންމުންނާއި ފިލްމު އުފައްދާ މީހުންގެ ވިސްނުމަށް ރިއާޔަތްކޮށް މި ބަދަލުތަކާ އެކު ޕަދްމާވަތީ އަށް ޔޫއޭ ސެޓްފިކެޓް ދޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.
ޕަދްމާވަތީ އަކީ އިންޑިއާގެ ހިންދޫންގެ ރާނީއަކާއި މުސްލިމް ރަސްކަލަކާ ދެމެދު ހިނގާފައިވާ ލޯބީގެ ގުޅުންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމަކަށްވާތީ ފިލްމުގެ މައްސަލަ އިންޑިއާގައި ވަރަށް ހޫނުވި އެވެ.
އެގޮތުން ޕަދްމާވަތީގެ ލީޑް އެކްޓްރެސް ދީޕިކާ ޕަދްކޯން އަށް މެދުކެނޑުމެއް ނެތި މަރުގެ އިންޒާރުތައް ލިބުނު އިރު އިންޑިއާގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ބީޖޭޕީ ޕާޓީ އަށް ނިސްބަތްވާ އިސް މީހަކު ވަނީ ދީޕިކާ އާއި ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މަރާލި ބަޔަކަށް ބަދަލެއްގެ ގޮތުގައި 1.5 މިލިއަން ޑޮލަރު ދޭނެ ކަމަށް ވެސް ބުނެފަ އެވެ. އަދި ފިލްމު އަޅުވާ ސިނަމާތަކަށް ވެސް ގެއްލުން ދޭނެ ކަމަށް ބުނެފައިވެ އެވެ.
ދެ ބިލިއަން އިންޑިއަން ރުފީސް ހަރަދުކޮށްގެން އުފެއްދި މިފިލްމު އަންނަ އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރާނެ ކަމަށް ބެލެވެ އެވެ. ފިލްމުގައި ދީޕިކާ ދަޕްކޯން، ރަންވީރް ސިންގް އަދި ޝާހިދު ކަޕޫރު ފެނިގެންދާނެ އެވެ.