30 Dec 2017, 14:59
އަންނަ އަހަރު ބެންގަލޫރުގައި އެންމެ ފުރަތަމަ އުފަންވާ އަންހެން ކުއްޖަކަށް ހިލޭ ތައުލީމު ފޯރުކޮށްދޭނެ ކަމަށް ބެންގަލޫރުގެ މޭޔަރު ސަމްޕަތު ރާޖް ވިދާޅުވެއްޖެ އެވެ.
"އަންނަ އަހަރު ބެންގަލޫރުގައި އެންމެ ފުރަތަމަ ވިހާ އަންހެން ކުއްޖަކަށް ފުރަތަމަ ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ހިލޭ ދޭނަން،" ރާޖް ވިދާޅުވެފައިވެ އެވެ. ހިލޭ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ދެނީ ނޯމަލް ޑެލިވަރީ ނޫނީ ސިޒޭރިއަން އަކާ ނުލާ އުފަންވާ ކުއްޖަކަށެވެ. އެކުއްޖާ އަކީ ސަރުކާރު ހޮސްޕިޓަލެއްގައި އުފަންވާ ކުއްޖަކަށް ވެސް ވާން ޖެހެ އެވެ.
އަހަރު ތެރޭ އުފަންވާ ފުރަތަމަ އަންހެން ކުއްޖާއަށް ހިލޭ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ދޭން ނިންމީ އަންހެނުން ބާރުވެރި ކުރުވައި އަންހެނުންނާއި އަންހެން ކުދިންނަކީ ވެސް މުޖްތަމައުގައި ގަދަރު ހުރި ބައެއްކަން ހާމަކޮށްދިނުމަށެވެ. އަންހެނުންނަކީ ދަށު ދަރަޖައިގެ ބައެއްކަމަށް ގަބޫލު ކުރާ ސަގާފަތެއް އިންޑިއާގައި އަދިވެސް އޮވެ އެވެ.
މި ކަމާ ގުޅޭ ގޮތުން މޭޔަރު އިތުރަށް ވިދާޅުވީ އިންޑިއާގެ ސަރުކާރު ހޮސްޕިޓަލުތަކަށްް ވިހަންދާ އަންހެނުންނަކީ ފަގީރު އާއިލާތަކަށް ނިސްބަތްވާ މީހުން ކަމަށާއި އެފަދަ މީހުންނަށް ލިބޭ އަންހެން ދަރިންނަކީ ބުރައެއް ކަމަށް އެމީހުން ދެކޭ ކަމަށެވެ. އަދި ކުއްޖާ އަށް ހިލޭ ތައުލީމު ދޭން ނިންމީ އެފަދަ ވިސްނުންތައް އެއްކިބާ ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ފުރުސަތު ލިބޭ ކުއްޖާ ބެލުމަށް ބެންގަލޫރުގެ ސަރުކާރު ހޮސްޕިޓަލުގައި މާދަމާރޭގެ 00:00 އިން ޖެނުއަރީ އެއްވަނަ ދުވަހާ ހަމައަށް އުފަންވާ އަންހެން ކުދިން އުފަންވާ ވަގުތު ބަލާނެއެވެ. މި ފުރުސަތު ސިޒޭރިއަން ހަދާ މީހުންނަށް ނުދެނީ ސިޒޭރިއަން ހަދައިގެން ކޮންމެ ވަގުތެއްގައި ވެސް ކުއްޖާ ނެގޭނެ ފުރުސަތު އޮންނާތީ ކަމަށް ވެސް ރާޖް ވިދާޅުވި އެވެ.
(ޒީ ނިއުސް)