ޗެލްސީގެ ޕްލޭމޭކަ އެޑެން ހަޒާޑް އެ ކްލަބުގެ ކޮންޓްރެކްޓް އާ ނުކުރާނެ ކަމަށް އޭނާގެ ބައްޕަ ބުނެފި އެވެ.

ފްރާންސްގެ ލިލް އިން 2012 ވަނަ އަހަރު ޗެލްސީއާ ގުޅުނު، މިހާރު އުމުރުން 26 އަހަރުގެ ބެލްޖިއަމް މިޑްފީލްޑަރު ރެއާލަށް ބަދަލުވެދާނެ ކަމުގެ އަޑުތައް މިހާރު އަނެއްކާ ވެސް މިވަނީ ގަދަވެފަ އެވެ. އަދި ހަޒާޑް ވެސް ވަނީ އޭނާ ރެއާލަށް ޝައުގުވެރިވާ ވާހަކައާއި އެ ކްލަބުގެ ކޯޗު ޒައިނުއްދީން ޒިދާންއާ އެކު މަސައްކަތް ކުރާހިތްވާ ކަމަށް ކުރިން ބުނެފަ އެވެ.

ހަޒާޑްގެ ބައްޕައާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ހަޒާޑް ވަނީ އޭނާގެ ޗެލްސީ ކޮންޓްރެކްޓް އާކުރަން ލިބުނު ފުރުސަތު ދޫކޮށްލައިފަ އެވެ. އަދި އޭނާ ބުނީ މިވަގުތު ރެއާލް އިން ހަޒާޑް އާއެއް ވެސް މަޝްވަރާއެއް ކޮށްފައެއް ނެތް ކަމަށާއި ނަމަވެސް އޭނ ބޭނުން ވަނީ އެފަދަ ފުރުސަތެއް އައިސްދާނެ ކަމަށް އިންތިޒާރު ކުރަން ކަމަށެވެ.

މިސީޒަންގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ، ހަޒާޑް ވަނީ ސީޒަންގެ މިހާތަނަށް ހުރިހާ މުބާރާތެއް ހިމެނޭގޮތަށް 15 މެޗުން އަށް ލަނޑު އަދި ފަސް އެސިސްޓް ހަދައިފަ އެވެ.

ހަޒާޑް ވަނީ ޗެލްސީ އާ އެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި ޔުރޮޕާ ލީގާއި އިނގިރޭސި ލީގު ކަޕް އެއް ފަހަރު ހޯދައިފަ އެވެ.