30 Dec 2017, 10:45
ދ. މީދޫގެ ކުލަބެއް ކަމަށްވާ ޔަންގް ސްޓާސް ސްޕޯޓްސް ކްލަބުން އިސްނަގައިގެން އެ ރަށުގެ 15 އަހަރުން ދަށުގެ ކުދިންނަށް ފުޓްބޯޅަ މުބާރާތެއް ބާއްވައިފި އެވެ.
މި މަހުގެ 24 އިން 27 އަށް ކުރިއަށް ދިޔަ މި މުބާރާތުގެ މަގްސަދަކީ މީދޫގައި ފުޓްބޯޅަ ކުރިއަރުވައި 15 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ފުޓްބޯޅަ ކުޅުމުގެ މަގު ތަނަވަސް ކޮށްދިނުން ކަމަށް ޔަންގަ ސްޓާސް އިން ބުންޏެވެ.

ދ. މީދޫގައި 15 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ތެރެއިން-- ފޮޓޯ: ޔަންގް ސްޓާސް
އެ މުބާރާތުގައި ޖުމްލަ ތިން ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އެ ތިން ޓީމަކީ ސްމޯލް ސްޓާސް، އަމީގޯސް އަދި ރީޔުނައިޓެޑް އެފްސީ އެވެ. މި ތިން ޓީމުގެ ތެރެއިން މުބަރާތުގެ ފައިނަލުގައި ވާދަކުރީ އަމީގޯސް އާއި ރީޔުނައިޓެޑް އެވެ. ފައިނަލް މެޗު 3-1 އިން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލާލީ އަމީގޯސް އިންނެވެ.
ޔަންގް ސްޓާސްގެ ރައީސް އަފްރާހް ވިދާޅުވީ މި މުބާރާތަކީ އެ ކްލަބު މި މަހު ރެޖިސްޓްރީ ކުރެވިގެން ކުރިއަށް ގެންދިޔަ ފުރަތަމަ މުބާރާތް ކަމަށާއި އަމާޒަކީ ކޮންމެ އަހަރަކު ވެސް މި މުބާރާތް ބޭއްވުން ކަމަށެވެ.

ދ. މީދޫގައި 15 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ތެރެއިން-- ފޮޓޯ: ޔަންގް ސްޓާސް
"އަޅުގަނޑުމެން ބޭނުން ވަނީ ކޮންމެ އަހަރަކު ވެސް މި މުބާރާތް ބާއްވަން. އެއް އަހަރަށް ވުރެ އަނެއް އަހަރު ފެންވަރު ރަނގަޅު ކޮށްގެން ބޭއްވުން. މުބާރާތުގެ އުމުރުފުރާ އަށް ބަދަލު ގެންނާކަށް ނުވިސްނަން. ސަބަބަކީ ދޮށީ އުމުރުފުރާތަކުގެ ކުދިންނަށް މިހާރު ވެސް ރަށުގައި މުބާރާތްތައް ބޭއްވެމުން ދާތީ." އަފްރާހް ވިދާޅުވި އެވެ.
އަފްރާހް ވިދާޅުވީ ނިމިގެން ދިޔަ މުބާރާތައް އާންމުންނާއި ކުދިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ.