30 Dec 2017, 10:36
ތެހެރާން (ޑިސެމްބަރު 30): އީރާނުގެ އެކި ސަރަހައްދުތަކުގައި އެތައް ހާސް މީހުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފި އެވެ.
ބުރާސްފަތި ދުވަހު އެމުޒާހަރާތައް ފެށުނީ އީރާނުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ މަޝްހަދުގައި އެވެ. އެމުޒާހަރާގެ ބައިވެރިން ދިޔައީ ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ގޮވާލައި ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
އޭގެ ފަހުން އިއްޔެ ގައުމުގެ ވެރިރަށް ތެހެރާނާއި ކަރުމަންޝާހުގެ އިތުރުން ފަސް ސިޓީއެއްގައި ވެސް މުޒާހަރާ ކުރަން ފަށާފައިވާ ކަމަށާއި އެއީ 2009 ވަނަ އަހަރުގެ ފަހުން އެގައުމުގައި ސަރުކާރާ ދެކޮޅަށް ބާއްވާ އެންމެ ބޮޑު މުޒާހަރާތައް ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި އެމުޒާހަރާގެ ބައިވެރިން ދަނީ ގައުމުގެ ރައީސް ހަސަން ރޫހާނީ އާއި އެގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީއާ ދެކޮޅަށް ވެސް އަޑު އުފުލަމުން ކަމަށް މީޑިއާތަކުން ބުނެ އެވެ.
މީގެ އިތުރުން، ބައެއް ފަރާތްތަކުން ދަނީ އީރާނުން އެހެން ގައުމުތަކުގެ ހަނގުރާމައިގައި ބައިވެރިވެ، އަސްކަރީ އެހީ ފޯރުކޮށްދޭތީ ވެސް ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ "ގާޒާ، ލުބުނާން އަދި ސީރިއާގެ ބަދަލުގައި އީރާނާ މެދު ވިސްނުމަށް" ސަރުކާރަށް ގޮވާލާފަ އެވެ.
އީރާނަކީ ސީރިއާގައި އޮތް ބައްޝާރުލް އަސަދުގެ ސަރުކާރަށް އަސްކަރީ އެހީ ފޯރުކޮށްދޭ މައި އެއް ގައުމެވެ. އަދި އެގައުމުން ދަނީ ޔަމަނަށް ވެރިވެފައިވާ ހޫޘީންނަށް ހަތިޔާރު ފޯރުކޮށްދެމުން ކަމަށް ސައުދީ އަރަބިއާއިން ތުހުމަތު ކުރެ އެވެ.
އެމުޒާހަރާތަކާ ގުޅިގެން އީރާނުގެ ނައިބު ރައީސް އިޝާގު ޖަހަންގިރީ ވަނީ އެއީ އިގުތިސާދީ މައްސަލަތަކާ ބެހޭ ގޮތުން ކަމަށް ބުނެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ މުޒާހަރާތައް ކަމަށް ވިދާޅުވެފަ އެވެ. އަދި ތެހެރާނުން ވަނީ އެސިޓީގެ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި މުޒާހަރާތައް ބާއްވާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. (ބީބީސީ)