30 Dec 2017, 09:52
'ހޭޓް ސްޓޯރީ 2'ގެ ބަތަލާ ސުރްވީން ޗައުލާ ވަރަށް ސިއްރުން ކައިވެނިކޮށްފައިވާ ކަން ހާމަކޮށްފި އެވެ. ކައިވެނި ކުރިކަން ހާމަކޮށްފައި ވަނީ ޓުވިޓާ މެދުވެރިކޮށް ސުރްވީން އެވެ.
ސުރްވީން ކައިވެނިކޮށްފައި ވަނީ ވިޔަފާރިވެރިއެއް ކަމަށްވާ އަކްޝޭ ޓައްކަރް އާއެވެ. ޚަބަރުތައް ބުނާ ގޮތުން، ދެމީހުން ކައިވެނި ކޮށްފައި ވަނީ މީގެ ދެ އަހަރު ކުރިން، 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު އިޓަލީގަ އެވެ.
ސުރްވީން އާއި އަކްޝޭ ދިމާވީ 2013 ވަނަ އަހަރު އެވެ. އޭގެ ދެ އަހަރު ފަހުން ދެމީހުން ކައިވެނި ކުރީ ފިލްމީ ދާއިރާގެ ވަރަށް މަދު މީހުންނާއި ދެފަރާތުގެ އާއިލާ ބައިވެރިވި ވަރަށް ސިއްރު ހަފްލާއެއްގަ އެވެ. އަދި އިޓަލީގައި ކައިވެނި ކުރުމަކީ ސުރްވީން ވަރަށް ކުރިން ފެށިގެން ދެކެމުން އަންނަ ހުވަފެނެއް ކަމަށް ޚަބަރުތައް ބުނެ އެވެ.
ކައިވެނީގެ ވާހަކަ މިހާ ދުވަސް ވަންދެން ސިއްރު ކޮށްފައި އޮތީ ކީއްވެ ކަމެއް ނޭނގެ އެވެ.
ސުރްވީން ވަނީ ‘ހޭޓް ސްޓޯރީ 2’ގެ އިތުރުން، ‘އަގްލީ’ އަދި ‘ޕާޗްޑް’ އިން ވެސް ފެނިގެން ގޮސްފަ އެވެ. އަދި ހިންދީ ޑްރާމާތަކުންނާއި ލަވަތަކުން ވެސް ސުރްވީން ފެނިފައިވެ އެވެ.