30 Dec 2017, 10:29
ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ވަރުން ދަވާން އާއި އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލް އަންނަ އަހަރު ކައިވެނި ކުރަން އުޅޭކަމަށް ޚަބަރުތައް ބުނެފި އެވެ.
‘ޖުޅްވާ 2’ގެ އެކްޓަރު ވަނީ ވަރަށް ފަހުން އޭނާގެ މައިންބަފައިންގެ ގެއިން ނުކުމެ، އަމިއްލަ އެޕާޓްމަންޓެއް ގަނެފަ އެވެ. އަދި އެއީ ކައިވެނި ކުރަން އުޅޭތީ ގެނައި ބަދަލެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ވަރުން އާ ގަތް މީހަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް އިންޑިއާގެ ނޫހަކަށް ބުނެފައި ވަނީ، މައިންބަފައިންގެ ގެއިން ދުވަހަކު ވެސް ނުދާނެ ކަމަށް ވަރުން މީގެ ކުރިން ވައުދުވެފައިވާ ކަމަށެވެ. ނަމަވެސް ނަތާޝާ ބޭނުން ވަނީ ކައިވެންޏަށް ފަހު ވަކިން ދިރިއުޅެން ކަމަށާއި އެ މައްސަލާގައި ދެމީހުންގެ ދޭތެރޭ މައްސަލަ ޖެހި، ކުޑަދުވަސް ކޮޅަކަށް ދެމީހުން ދުރުވި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
މައިންބަފައިންގެ ގެއިން ނުކުތް ނަމަވެސް، ވަރުން މިހާރު ވެސް ދިރިއުޅެނީ އެމީހުންނާ ވަރަށް ކައިރީގަ އެވެ.
ކައިވެންޏާ ގުޅޭ ގޮތުން މީގެ ކުރިން ވަރުން އާ ސުވާލު ކުރުމުން އޭނާ ބުނީ އެހާ ކުރިއަށް އަދި ވިސްނާފައި ނުވާ ކަމަށެވެ. ނަމަވެސް ރަނގަޅު މީހާ އާއި ދިމާވުމުން ހީކުރި ގޮތާ ޚިލާފަށް ވެސް ކަންކަން ހިނގައިދާނެ ކަމަށް އޭނާ ބުންޏެވެ.
ނަތާޝާ އާއި ވަރުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ދެމީހުން ކައިވެނި ކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.
ވަރުން ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޝޫޖިތު ސަރުކާރުގެ ފިލްމު ‘އޮކްޓޯބަރު’ އިންނެވެ. އަދި ވަރުން މިހާރު އަންނަނީ ‘ސުއި ދާގާ - މޭޑް އިން އިންޑިއާ’ އަށް ވެސް ތައްޔާރު ވަމުންނެވެ. އަންނަ މަހު މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ އެ ފިލްމުގައި ވަރުން އާ އެކު ފެނިގެން ދާނީ އަނުޝްކާ ޝަރްމާ އެވެ. ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރު އެވެ.