11 Aug 2011, 16:01
ސްޕެއިންއާއި އިޓަލީ ބައްދަލުކުރިމެޗްގައި އިނގިރޭސި ކްލަބް ޗެލްސީއަށްކުޅޭ ސްޕެއިންގެ ފޯވާޑް ފެނާންޑޯ ޓޮރޭސްގެ ބޮލަށް ލިބުނު އަނިޔާއާއި ގުޅިގެން އާދީއްތަ ދުވަހު ޕްރެމިއަ ލީގުގެ 2011-12 ސީޒަންގައި ޗެލްސީއިން ކުޅޭ ފުރަތަމަ މެޗްގައި ބައިވެރިވެވޭނެކަންވަނީ ނޭނގުމެއްގެ ތެރޭގަ އެވެ.
އިޓަލީގެ ބާރީގައި އިޓަލީއަތުން ދުނިޔޭގެ ޗެމްޕިއަން ސްޕެއިން 2-1 ން ބަލިވި މެޗްގައި ޓޮރޭސްއަށް މެޗްގެ 14 މިނެޓް ވެސް ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. ބޮލަށް ލިބުނު އަނިޔާއާއި ގުޅިގެން ސްޕެއިން ޓީމުގެ ލަފާގެމަތިން ޓޮރޭސްވަނީ ހޮސްޕިޓަލަށް ގެންދެވިފަ އެވެ.
އިޓަލީގައި ހެދި ސްކޭނުން ޓޮރޭސްގެ ބޮލަށް މާބޮޑެތި އަނިޔާތަކެއް ނެތްކަމަށް ދެއްކި ނަމަވެސް ޗެލްސީއަށް އެނބުރި ދިއުމަށް ފަހު އިތުރު ޓެސްޓްތަކެއް ހަދާގޮތަށް ހަމަޖެހިފައިވެ އެވެ. މިޓެސްޓްތައް ދައްކާގޮތުން ޓޮރޭސްއަށް ފުރަތަމަ މެޗްގައި ކުޅެވޭނެތޯ ނުވަތަ ނޫންކަން ޔަގީންވެގެންދާނެ އެވެ.
އުމުރުން 27 އަހަރުގެ ސްޕެއިން ފޯވާޑް ޓޮރޭސް ލިވަޕޫލްއިން ޗެލްސީއަށް ޖެނުއަރީގައި ބަދަލުވިފަހުން މިދިޔަ ސީޒަންގައި މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ ސީޒަނަށް ފަހު ޓްރެއިންގް މެޗްތަކުގައި ޓޮރޭސްވަނީ އޭނާގެ ކުޅުން ރަނގަޅުކޮށް ދެގޯލްވެސް ކާމިޔާބުކޮށްފަ އެވެ.