މިހާރު ސިނަމާ ތަކުގައި ދައްކަމުން އަންނަ ސަލްމާން ޚާން އަދި ކެޓްރީނާ ކައިފްގެ ‘ޓައިގާ ޒިންދާ ހޭ’ އަށް އެންމެ ހަތް ދުވަހުން 200 ކުރޯޑްގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ސިނަމާތަކުގައި ފިލްމު އެޅުވި ފުރަތަމަ ދުވަހު ވެސް ފިލްމަށް 34.50 ކްރޯޑް ލިބިފައިވާ އިރު މިދިޔަ ބުރާސްފަތި ދުވަހު ހޯދި 15.42 ކުރޯޑް އާ އެކު ފިލްމުގެ ޖުމްލަ އާމްދަނީ މިވަނީ 206.04 ކުރޯޑަށް އަރައިފަ އެވެ.

މިހާތަނަށް ފިލްމަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޑިސެމްބަރު 24 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނި ވެސް ފިލްމަށް ވަނީ 45.53 ކުރޯޑް ލިބިފަ އެވެ.

ބޮކްސްއޮފީހަށް ބަލާ އިރު، ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ‘ޓައިގާ ޒިންދާ ހޭ’ ވެގެން ގޮސްފައި މިވަނީ މި އަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު ފިލްމަށެވެ.

ޓައިގާ ޒިންދާ ހޭ' އަކީ 2012 ވަނަ އަހަރު ނުކުތް ‘އެކް ތަ ޓައިގާ’ގެ ސީކުއަލް އެކެވެ. ފިލްމުގައި ސަލްމާން އަދި ކެޓްރީނާ ވެސް ފެނިގެން ދަނީ އައިސިސް އިން ރަހީނުކޮށްފައިވާ 25 ނަރުހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ދެ އޭޖެންޓުގެ ރޯލުންނެވެ.

ގިނަ އަދަދެއްގެ އެކްޝަން މަންޒަރުތައް ހިމެނޭ ފިލްމުގައި ކެޓްރީނާގެ ފަރާތުން ރަނގަޅު އެކްޓިންގްއެއް ފެނިގެން ގޮސްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.