އަބްދުލް ހަސަންގެ ގިނަ ވަގުތު ހޭދަކުރަނީ އޭނާގެ ފޯނުން ނެގި ކުރީގެ ވީޑިއޯތައް ބެލުމުގަ އެވެ. އެއީ އޭނާގެ އަވަށުގެ ވީޑިއޯތަކެކެވެ. އޭނާގެ ގެ އެވެ. އުފަން ގައުމުގެ ހަމައެކަނި ހުރި ހަނދާންތަކެވެ.

"އަހަރެންގެ އަވަށަށް ޓަކައި، އަހަރެންގެ އަމިއްލަ ގެ އަށްޓަކައި އަހަރެންގެ ހިތުގައި ރިއްސާ. އެހެން ވެގެން އަހަރެން މި ހަނދާންތައް، މި ވީޑިއޯތައް މިޔަންމާ އިން ގެނައި،" ބަނގުލަދޭޝްގެ ކޭމްޕެއްގައި މިހާރު ދިރިއުޅެމުންދާ އުމުރުން 16 އަހަރުގެ ރޮހިންގާ ރެފިއުޖީ ބުންޏެވެ.

މިޔަންމާގެ ހަރުކަށި ބުދިސްޓުންނާއި އެގައުމުގެ އަސްކަރިއްޔާގެ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް މިދިޔަ އޯގަސްޓު މަހުން ފެށިގެން އެތައް ހާސް ރޮހިންގާ މުސްލިމުންނެއް ވަނީ އުފަން ގައުމު ދޫކޮށް އަވަށްޓެރި ބަނގުލަދޭޝް އަށް ގޮސްފަ އެވެ. އަދި ބަނގުލަދޭޝް އަށް ހިޖުރަކުރި ރޮހިންގާ މީހުންގެ އަދަދު މިހާރު 630000 އަށް ވުރެ ގިނަ އެވެ.

މިޔަންމާ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވެ ބަނގުލަދޭޝްއަށް ހިޖުރަ ކުރި ރޮހިންގާ މީހަކު ފޯނަށް ބަލަހައްޓައިގެން: ބަނގުލަދޭޝް އަށް ހިޖުރަކުރި ރޮހިންގާ މީހުންގެ އަދަދު މިހާރު 630000 އަށްވުރެ ގިނަ --- ފޮޓޯ/ އޭޕީ

ނަމަވެސް ގަދަބާރު ދައްކަމުންދިޔަ ސިފައިންގެ ކިބައިން ރައްކާތެރިކަން ހޯދުމަށް ކުރަން މަޖުބޫރުވި އެ ދަތުރަށް ފުރުމުގެ ކުރިން އަމިއްލަ ބައެއް ތަކެތި ގެންދަން ލިބުނީ މަދު ބަޔަކަށެވެ. އެތަކެތީގެ ތެރެއިން ވެސް ގިނަ ތަކެތި ބަނގުލަދޭޝްގެ ބޯޑަރަށް ގެންލިގެން ދިޔަ އެވެ.

ރޮހިންގާ މުސްލިމުންނަށް ބާކީ އޮތް ހަމައެކަނި ހަނދާނަކީ މިޔަންމާ އަސްކަރިއްޔާގެ ފަރާތުން ލިބުނު އަނިޔާތަކުގެ ބިރުވެރި ވާހަކަތަކާއި އެކަމުން ސަލާމަތްވާން އަމިއްލަ ފުރާނަ އަތް މައްޗަށް ލައިގެން ޖަންގަލި ތެރޭގައި ކުރަން ޖެހުނު ދަތުރުގެ ހަނދާންތަކެވެ.

ކުރީގެ ދިރިއުޅުމުގައި ގެންގުޅުނު ގެތަކާއި ގެރި ބަކަރިތަކާއި އަަވަށާއި ހުރިހާ އެއްޗެއް މިއަދު އެމީހުންގެ ނެތެވެ. ހަމައެކަނި އޮތީ އެ ހަނދާންތަކެވެ. އެވެސް ފެންނަ އޮތީ މަދު ރޮހިންގާ އިންގެ އަތުގައި އޮތް ފޯނުތަކުގަ އެވެ.

މިޔަންމާ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވެ ބަނގުލަދޭޝްއަށް ހިޖުރަ ކުރި ރޮހިންގާ މީހަކު ފޯނުން ވީޑިއޯއެއް ދައްކަނީ: ރޮހިންގާގެ ގިނަ ރައްޔިތުން ބުނާ ގޮތުން އެމީހުންގެ ކުރީގެ ދިރިއުޅުން ވަރަށް ހަނދާންވޭ --- ފޮޓޯ/ އޭޕީ

ހަސަންގެ ގައުމާއި ކުރީގެ ދިރިއުޅުން އެންމެ ކައިރިން ތަޖުރިބާ ކޮށްލެވެން އޮތީ ވެސް އެ ވީޑިއޯތަކުންނެވެ. އޭގެންއެއް ވީޑިއޯ އެއްގައި އެމީހުން ފާހަގަކުރި "ކޮކޮނަޓް ޕާޓީ"އެއްގެ ތެރޭގައި ހަސަނާއި އޭނާގެ ރަހުމަތްތެރިން ލަވަ ކިޔައި ކުރުބާ ބޯތަން ފެނެ އެވެ. ހީ ސަކަރާތް ޖަހައި ކުރުނބާ އެކަކު އަނެކަކު ގަޔަށް އުކާ ހަދަ އެވެ.

"އަހަރެން މި ވީޑިއޯތައް ބެލުމުން، އަހަރެންގެ ހަނދާނަށް އަންނަނީ އަހަރެންގެ ގައުމު، މިޔަންމާ. މި ވީޑިއޯތަކުން އަހަރެންގެ ހިތް ހަމަ ފަޅައިގެން ދޭ،" ހަސަން ބުންޏެވެ.

އުމުރުން 15 އަހަރުގެ މުހައްމަދު ފާހިދު ވެސް ގިނަ ވަގުތު ގެއްލިފައި ހުރެވެނީ އޭނާގެ ފޯނުގައި ރައްކާކުރެވިފައި ހުރި ކުރީގެ ފޮޓޯތަކާއި ވީޑިއޯ ތަކަށެވެ. އެކުވެރިންނާއި ސްކޫލް މަތިން އޭނާ ވަރަށް ހަނދާންވެ އެވެ.

ބަނގުލަދޭޝްގެ ކޮކްސް ބާޒާރުގެ މަގެއްގައި ބަޔަކު ހިނގާފައި ދަނީ-- ސަން ފައިލް ފޮޓޯ

"އަހަރެންގެ ރަހުމަތްތެރިންނާ އެކު ހީ ސަމާސަކޮށް ވަރަށް ގިނަ ވަގުތު ހޭދަ ކުރިން. އަހަންނަކަށް މިތަނުގައި އެކަމެއް ނުކުރެވޭ. އަހަރެމެން ސްކޫލަށް ވެސް ދިޔައިން، އެކަމަކު މިހާރަކު ނުދެވޭ. އެހެން ވެގެން އަހަރެން މި ފޮޓޯތައް ބެހެއްޓީ. ހަނދާން ކުރަން،" މުހައްމަދު ފާހިދު ބުންޏެވެ.

ރޮހިންގާ މުސްލިމުން މިހާރު އުޅޭ ބަނގުލަދޭޝްގެ ކޭމްޕުތަކުގައި ބޮޑެތި މީހުން ކުރާނެ ހުންނަނީ މަދު މަސައްކަތެކެވެ. އަދި ރޮހިންގާ ރެފިއުޖީންގެ 60 ޕަސެންޓަކީ ކުޑަކުދިންނަށްވާ އިރު އެކުދިން ކިޔަވާނެ ސްކޫލެއް ވެސް ނެތެވެ.

އެހެންކަމުން މުހައްމަދު ފާހިދު ފަދައިން ގިނަ ކުޑަކުދިންގެ ދުވަސް ހޭދަކުރަނީ އެމީހުންގެ ފޯނުތަކުގައި ރައްކާ ކުރެވިފައި ހަނދާންތައް ބެލުމުގަ އެވެ. ނަމަވެސް އެ ފޯނުތަކުގައި ހުރީ ހަމައެކަނި އުފާވެރި ހަނދާންތަކެއް ނޫނެވެ.

މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށްޓކައި ރޮހިންގާ މުސްލިމުން މިޔަންމާ އަދި ބަނގުލަދޭޝްގެ ގުޅޭ ބޯޑަރު ކައރީގައި--ފޮޓޯ : ރޮއިޓާސް

އޮނާއި ޕުލާސްޓިކް ޝީޓުތަކަކުން ހަދާފައި ހުރި އެއް ކޮޓަރީގެ ގެ ގަޑަކީ މިއަދު މުޖިބް އުލާ އާއި އޭނާގެ ކޮއްކޮ އުޅެން ޖެހިފައިވާ އާގެ އެވެ.

ކަނު އަދިރި އެ ހިޔާ ގަނޑުގެ ތެރޭގައި އިނދެ އުމުރުން 22 އަހަރުގެ އުލާ ބަލަން އިނީ މިޔަންމާގެ އަވަށެއް ކަމަށްވާ ބޯގިޔަބިލްގައިގެ އެއްގައި މިޔަންމާގެ ސިފައިން ހުޅު ޖެހުމުން އަލިފާންގަނޑު ނިއްވަން އަވަށު މީހުން މަސައްކަތް ކުރާ ތަނެވެ.

އުލާ ބުނާ ގޮތުން، ވެއްޔާއި ފެން ބާލިދީ ތަކުން އެ އަލިފާންގަނޑު ނިއްވަން އަވަށު މީހުން މަސައްކަތް ކުރި ނަމަވެސް ގެތައް ދިޔައީ އަދަމުންނެވެ.

އެތަން ވީޑިއޯ ކުރުމަށް ފަހު ޖެހިގެން އޮތް އުލާގެ އަމިއްލަ އަވަށަށް ދިޔަ ތަނުން ފެނުނީ އޭނާގެ އަވަށުގެ ގެތަކުން އަވަށްޓެރިން ނުކުންނަ ތަނެވެ. ސިފައިން ދިޔަ ކަމަށް ހީކޮށްގެންނެވެ. ނަމަވެސް ނޭނގި ތިއްބައި ނުކުތް މިޔަންމާގެ ސިފައިންގެ ބަޔަކު އެމީހުންގެ ގަޔަށް ކުއްލި އަކަށް ބަޑި ޖަހަން ފެށި އެވެ.

މިޔަންމާ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވެ ބަނގުލަދޭޝްއަށް ހިޖުރަ ކުރި ރޮހިންގާ މީހަކު ފޯނަށް ބަލަހައްޓައިގެން: ރޮހިންގާގެ ގިނަ މީހުން، އެމީހުންގެ ކުރީގެ ދިރިއުޅުމުގެ ހަމައެކަނި ހަނދާންތައް ހުރީ އެމީހުންގެ ފޯނުތަކުގައި --- ފޮޓޯ/ އޭޕީ

"ބައެއް މީހުންނަށް އަމިއްލަ ނަސްފު ސަލާމަތް ކުރެވުނު. އަނެއް ބައި މީހުންނަކަށް ނުވި. އަހަރެންގެ ބޭބެ އަކަށް އެ ހަމަލާއަކުން ސަލާމަތެއް ނުވި. އޭނާގެ ހަށިގަނޑު އޮތީ ވަޒަންތަކުން ފޫ އަޅުވާލައިފައި،" އުލާ ބުންޏެވެ.

ގަރުނުތަކެއް ވަންދެން ރޮހިންގާ މުސްލިމުން މިޔަންމާގައި އުޅުނު ނަމަވެސް، ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާގެ ސަރުކާރުން ވަނީ ރޮހިންގާ އަކީ މައިނޯރިޓީ ގުރޫޕެއްގެ ގޮތުގައި ބަލައި ގަންނަން ދެކޮޅު ހަދައިފަ އެވެ.

އަދި ރޮހިންގާ މީހުން، މިޔަންމާގެ ރައްވެހިކަމުން 1982 ވަނަ އަހަރު ބޭރުކޮށް އެމީހުންނަށް އެއްވެސް ހައްގެއް ދިނުމަށް ދެކޮޅު ހެދި އެވެ.

އޯގަސްޓް މަހު ރޮހިންގާގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސިފައިން ހިންގަންފެށި އަނިޔާވެރި އަމަލުތަކަކީ ވެސް ހައްގުތައް ނުދިނުމާ ދެކޮޅަށް ރޮހިންގާގެ ހަނގުރާމަވެރިން ދިން ހަމަލާއެއްގެ ފެށުމެވެ.