ރާއްޖޭގެ ވިޔަފާރިވެރިންނަށް ސާކް ޑިވެލޮޕްމެންޓް ފަންޑުން ލޯނު ދޭން މަޝްވަރާކޮށްފިއެވެ.

ސާކް ޑިވެލޮޕްމެންޓް ފަންޑުގެ ބައްދަލުވުމެއް ސްރީލަންކާގައި ބާއްވާފައިވާއިރު، އެ ބައްދަލުވުމުގައި ދިވެހި ވިޔަފާރިވެރިންނަށާއި ވިޔަފާރިއެއް ފަށަން ބޭނުންވާ މީހުންނަށް ފައިދާހުރި ނިންމުންތައް ވަނީ ނިންމައިފައެވެ.

ސާކް ޑިވެލޮޕްމެންޓް ފަންޑުގެ ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު "ސަން" އަށް ވިދާޅުވީ ސާކް ޑިވެލޮޕްމެންޓް ފަންޑުގެ ބައްދަލުވުމުގެ ހަވާސާގައި ސާކް ޑިވެލޮޕްމެންޓް ފަންޑުގެ ސީއީއޯ އާ ބައްދަލު ކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި ދިވެހި ވިޔަފާރިވެރިންނަށް ޚާއްސަ ސޯޝަލް އެންޓްރެޕްރެނިއާ ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާ ކުރެއްވި ކަމަށާއި އެ ޕްރޮގްރަމް ހިންގަން 150 މިލިއަން ދިވެހި ރުފިޔާ (10 މިލިއަން ޑޮލަރު) ދޭން މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ސާކް ޑިވެލޮޕްމެންޓް ފަންޑުގެ ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

މީގެ އިތުރުން ސަބާ މޯލްޑިވްސްގެ ފަރާތުން ހޯމް ބޭސްޑް ވޯކާސް އަށް ޚާއްސަކޮށްގެން ދެމެހެއްޓެނިވި އާމްދަނީ ލިބޭނެ މަސައްކަތްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް 7.6 މިލިއަން ރުފިޔާ ދޭން ސާކް ޑިވެލޮޕްމެންޓް ފަންޑުން ނިންމި ކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި އިތުރަށް ނިންމި ކަންކަމުގެ ތެރޭގައި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ކޮމިއުނިޓީ ފެސިލިޓޭޝަން ގާއިމް ކުރުމަށް އެހީ ދިިނުމާއި، ޕެކޭޖިން ސެންޓަރެއް ގާއިމް ކުރުމަށާއި އަތްތެރި މަސައްކަތް ކުރުމަށް ހާއްސަ ސެންޓަރެއް ގާއިމް ކުރުމަށް ޖުމްލަ 15 މިލިއަން ރުފިޔާ ދިނުން ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.