އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާ ޕްރައިވަޓައިޒް ކުރުމަކީ މިވަގުތަށް ވަރަށް މުހިއްމު ކަމެއް ކަމަށް އެ ގައުމުގެ ސިވިލްއޭވިއޭޝަނުގެ ސްޓޭޓް މިނިސްޓަރު ޖަޔަންތް ޝަންކަރު ވިދާޅުވެއްޖެ އެވެ.

މިހާރު ވެސް ގެއްލުމުގައި ހިންގަމުން އަންނަ އެއާ އިންޑިއާ ޕްރައިވަޓައިޒް ކުރަންވީ ސަބަބުތައް ވިދާޅުވެދެއްވަމުން ޖަޔަންތް ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑެތި އެއާލައިންތައް ވެސް ހިންގަމުން އަންނަނީ ވެސް ޕްރައިވަޓައިޒް ކޮށްގެން ކަމަށެވެ.

"ސަރުކާރަށް ވުރެ ޕްރައިވެޓް ސެކްޓާއަށް އެއާލައިންތައް ހިންގަން މާފަސޭހަ ވާނެ. އެއީ އެންމެ އެފިޝިއެންޓް ގޮތްވެސްމެ،" އޭނާ ވިދާޅުވި އެވެ.

ލުފްތަންސާ އާއި ބްރިޓިޝް އެއާވޭސް ފަދަ އެއާލައިންތަކަކީ ވެސް ޕްރައިވަޓައިޒްކޮށްފައިވާ އެއާލައިންތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަޔަންތު ވިދާޅުވީ ކުރިއަށް އޮތް ހައެއްކަ މަސް ނޫނީ އަށެއްކަ މަސްތެރޭ ރަނގަޅު ކުންފުންޏަކަށް އެއާ އިންޑިއާގެ ހިންގުން ހަވާލުކުރާނެ ކަމަށެވެ.

"މިއާއެކު އެއާ އިންޑިއާގެ ރަން ދުވަސްތައް އިއާދަވާތަން ފެންނާނެ،" ޖަޔަންތު ވިދާޅުވި އެވެ.

އެއާ އިންޑިއާގެ ފަސް ސަބްސިޑަރީ ކުންފުންޏާއެކު އެ އެއާލައިން ޕްރައިވަޓައިޒް ކުރަން އިންޑިއާގެ ކެބިނެޓްގެ އިކޮނޮމިކް ކޮމެޓީ އިން ނިންމާފައި ވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެއާ އިންޑިއާގެ އެނުއަލް ޑެޓް 5000 ކްރޯޑު ރުޕީސް އަށް އަރަ އެވެ.