އިނގިރޭސިވިލާތުގެ ފިކްޝަނަލް ސީކްރެޓް ސާވިސް އެޖެންޓެއްގެ މައްޗަށް ބިނާކޮށް ހަދާ މަޝްހޫރު ފިލްމު، ޖޭމްސް ބޮންޑުގެ ފިލްމު ތަކުގައި މިހާރު މިސް މަނީޕެނީގެ ރޯލު އަދާ ކުރާ ތަރި ނިއޯމީ ހާރިސް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަ ދެއެވެ.

ޖޭމްސް ބޮންޑުގެ އެންމެ ފަހުން ނެރުނު ދެ ފިލްމު "ސްކައިފޯލް" އަދި "ސްޕެކްޓާ" ގައި ބޮންޑުގެ ސުޕީރިއާ އޮފިސަރު އަދި ބްރިޓިޝް ސީކްރެޓް ސާވިސްގެ އިސްވެރިޔާ އީވެ މަނީޕެނީ ރޯލު ކުޅެފައިވާ ނިއޯމީ ހާރިސް ރާއްޖެ އައިސްފައިވަނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ.

ނަމަވެސް ރާއްޖޭގައި އޭނާ ހޭދަ ކުރަމުންދާ ޗުއްޓީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ހިއްސާ ކުރަމުންދާއިރު، ރާއްޖޭގައި ހުރެ އެންމެ ފުރަތަމަ ޕޯސްޓެއް ކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. އެ ޕޯސްޓުގައި ނިއޯމީ ބުނެފައިވަނީ، އަހަރެއް ނިންމާލުމަށް މިއަށްވުރެ ރަނގަޅު ގޮތެއް ނުވިސްނުނު ކަމަށެވެ.

ފޮޓޯތަކުގައި ޓެގް ކޮށްފައިވާ ގޮތުގައި އޭނާ ޗުއްޓީ ހޭދަ ކުރަމުންދަނީ އދ. އަތޮޅުގައި އޮންނަ ލަކްސް ސައުތު އަރި އެޓޯލް މޯލްޑިވްސް އެވެ.

ރާއްޖޭގެ ރީތި ކަމަށް ތައުރީފުކޮށް މަޖާ ކުރަމުންދާއިރު މީގެ ހަތަރު ގަޑިއިރު ކުރިން ނައޯމީ ހާރިސް އިންސްޓަގުރަމް އަށް ލީ ފޮޓޯއެއް ބުނެފައިވަނީ، ރާއްޖެ ދޫކޮށްދާން ބޭނުން ނުވާ ކަމަށެވެ.

ކުޑަކުއްޖެއްގެ ގޮތުގައި ފިލްމު ކެރިއަރު ފެށި ނައޯމީ އެންމެ ފުރަތަމަ ފެނިގެން ދިޔައީ 1987 ވަނަ އަހަރު ދެއްކި ކުޑަކުދިންގެ ޓީވީ ސީރީޒް "ސިމޮން އެންދަ ދަ ވިޝް" އިންނެވެ.

އޭގެ ފަހުން މަޝްހޫރު "ޕައިރެޓްސް އޮފް ދި ކެރީބިއަން"ގެ ދެވަނަ އަދި ތިން ވަނަ ފިލްމުގައި ޓިއާ ޑަލްމާ ނުވަތަ ކެލިޕްސޯގެ ރޯލުންނާއި "މަންޑޭލާ: ލޯންގް ވޯކް ޓު ފްރީޑޮމް"ގައި ސައުތު އެފްރިކާގެ ކުރީސް ރައީސް ނެލްސަން މަންޑޭލާގެ އަނބިކަނބަލުން ވިނީ މަންޑޭލާގެ ރޯލު ވެސް ނިއޯމީ ހާރިސް ކުޅެފައިވެ އެވެ.

އަދި މިދިޔަ އަަހަރު ނެރުނު ފިލްމު "މޫންލައިޓް" އިން އޭނާ ފެނިގެން ދިޔައިރު، އެ ފިލްމުގައި އޭނާ އަދާ ކޮށްފައިވާ ރޯލުން ވަނީ ގޯލްޑެން ގުލޯބް، ބަފްތާ އަދި އެކެޑެމީ އެވޯޑްސް ފަދަ އެވޯޑްތަކުގައި އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑަށް ނޮމިނޭޓް ވެފައެވެ.