Back
Nov 23, 2025 SUN
SUN

ސްޕޯޓްސް ކޯޕަރޭޝަންގެ "މައިލްސް ފޯ ސްމައިލްސް"އަށް ބޮޑު ތަރުހީބެއް!

ސްޕޯޓްސް ކޯޕަރޭޝަންގެ "މައިލްސް ފޯ ސްމައިލްސް"އަށް ބޮޑު ތަރުހީބެއް!
Lead photo

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން "މައިލްސް ފޯ ސްމައިލްސް"ގެ ނަމުގައި މިފެށޭ މަހު ބޭއްވުމަށް ހަމަޖެހިފައިވާ 24 ގަޑިއިރުގެ ފަންޑް ރެއިސިން ދުވުމަށް އުންމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ރައްޒާގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަން ސްޕޯޓްސްއަށް ދެއްވި އިންޓަވިއުއެއްގައި ރައްޒާގު ވިދާޅުވީ، އެ ދުވުމަށް ބޮޑު ތަރުހީބެއް ލިބެމުންދަނީ އެ ދުވުން ބޭއްވި މަގްސަދު ހާއްސަވުމުން ކަމަށާއި އެ ދުވުމާއި ގުޅޭގޮތުން މަޝްވަރާކުރި ނުވަތަ ބައްދަލުކުރި އެއްވެސް ފަރާތަކުން އެކަމުގައި ބައިވެރިނުވާނެ ކަމަށް ބުނެފައިނުވާ ކަމަށެވެ.

"ފުރަތަމަ އަޅުގަނޑުމެން މިކަން ޕްލޭންކުރި އިރުގައި އާ ކަމަކަށް ވެފައި، 24 ގަޑިއިރަކީ ހިންގަންވިޔަސް ފުދޭވަރަކަށް ބުރައެއް އުފަލަންޖެހޭ ކަމެއް. އެއީ ވަރަށް ބުރަ އެކްސަސައިޒަކަށް ވެގެންދާ ކަމެއް. އަޅުގަނޑުމެން މި ޕްލޭންކުރީ 24 ގަޑިއިރުގެ ރަންއެއް. އަޅުގަނޑުމެން އުންމީދުކުރި ވަރަށްވުރެވެސް ބޮޑު ތަރުހީބެއް މިހާރުވެސް އަޅުގަނޑުމެންނަށް ލިބެމުން އެބަދޭ،" ރައްޒާގު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ހިތް އޮތީ، މީގެ ފަހަތުގައި އޮތް އޮބްޖެކްޓިވްސްއަކީ އާންމު ރައްޔިތުން ގަބޫލުކުރާ ކަހަަލަ އޮބްޖެކްޓިވްސްތަކަކަށް ވެގެންދިޔައީމަ ކަމަށް މިހާ ބޮޑު ތަރުހީބެއް ލިބެމުންދަނީ. އަޅުގަނޑުމެން މިކަމާ ގުޅިގެން މަޝްވަރާކުރި ނުވަތަ ބައްދަލުކުރި އެއްވެސް ފަރާތަކުން، ޖަމިއްޔާއަކުން އަޅުގަނޑުމެންނަށް ނޫނެކޭ ބުނެފައެއް ނެތް."

މިއަހަރު ނިމޭ ދުވަހު ފަށައި، އާ އަހަރު ފެށޭ ދުވަހަށް ދުވުން ނިންމުމަށް ކުރިން ތާވަލުކުރި ނަމަވެސް، ދުވުމުގައި ބައިވެރިވާން ބޭނުންވާ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން އެ ދުވުން ވަނީ ފަސްކޮށްފައެވެ. މިހާރު އެ ދުވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހުގެ 4:30 އިން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ހަވީރު 4:30އާ ހަމައަށް މާލޭ ކުޅިވަރު އެކުވެނި ދުވާ ޓްރެކްގައެވެ.

އެކަމާ ގުޅޭގޮތުން ރައްޒާގު ވިދާޅުވީ، ދުވުމުގައި ބައިވެރިވާ ޖަމިއްޔާތަކާއި ކުންފުނިތައް އަދި މުއައްސަސާތަކުގެ ޝަކުވާއަކަށްވީ އެ ދުވަސްވަރަކީ ގިނަ މުވައްޒަފުންތަކެއްގެ ޗުއްޓީ ދުވަސްވަރު ކަމަށްވާތީ ދުވުމުގައި ބައިވެރިނުވެވުން ކަމަށާއި ދުވުން ފަސްކުރީ އެ ސަބަބާހުރެ ކަމަށެވެ.

"ގިނަ މުވައްޒަފުންތަކަކަށް ނުވަތަ ގިނަ ބައިވެރިންތަކަކަށް ބައިވެރިވެވޭނެ ކަހަލަ ދުވަސްވަރަކަށް ހަމަޖައްސައި ދިނުމަށް އެދުނީ. ކުރިން އަޅުގަނޑުމެން ބާއްވަން ހަމަޖައްސާފައި އޮތީ އަހަރު ނިމޭ ދުވަހުން ފެށިގެން އާ އަހަރު ފެށޭ ދުވަހަށް. ރަނގަޅު ދުވަސްވަރަކަށް ވާތީ،" އޭނާ ވިދާޅުވިއެވެ.

"އާ އަހަރުވެސް މޮޅު ގޮތަކަށް ފަށާ، ތަންކޮޅެއް އެކްޓިވް ލައިފްސްޓައިލަކަށް ހުރިހާ އެންމެންގެ ވިސްނުން ގެންދިއުމަށްޓަކައި ފުރަތަމަ އަޅުގަނޑުމެން އާ އަހަރު ފެށިގެން އަންނައިރު މިކަހަކަ އެކްޓިވިޓީއަކުން ފަށަން އަޅުގަނޑުމެން އޭރު ވިސްނީ. އެހެންނަމަވެސް ގިނަ ބައިވެރިންތަކެއްގެ އެދުމާއެކު އަޅުގަނޑުމެން މި ނިންމީ ގިނަ މުވައްޒަފުންތަކަކާއި ގިނަ ބައިވެރިންތަކެއް މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދެމުން އަންނާތީ، އެ ވިސްނުމުގައި."

ރައްޒާގު އިތުރަށް ވިދާޅުވީ، ދުވުމުގައި 2000އާއި 3000އާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވާނެ ކަމަށް އުންމީދުކުރާ ކަމަށާއި ކުރިއަށްއޮތް ދުވަސްތަކުގައި ކުރެވޭ މަސައްކަތްތަކުން ދުވުމުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވެގެންދިއުން ގާތް ކަމަށެވެ.

އެ ހަރަކާތުގައި 24 ގަޑިއިރު ދުވުމަށް ހަމަޖެހިފައިވަނީ އިބްރާހިމް ސާއިދު އަލީއެވެ. ސާއިދަކީ ދިގު ދުވުންތައް ދުވުމުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ މަޝްހޫރު ދުވުންތެރިއެކެވެ. އެ ދުވުމުގައި ސާއިދަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު އެކަޑަމީތަކާއި އެންޖީއޯތައް ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މައިލްސް ފޯ ސްމައިލްސް ރަންއަކީ ކުޅިވަރާއި ކަސްރަތުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ކުޅިވަރުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ސްޕޯޓްސް ކޯޕަރޭޝަނުން ކުރިއަށްގެންދާ ހަރަކާތެކެވެ. މައިލްސް ފޯ ސްމައިލްސްގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics