29 Dec 2017, 19:05
އިންޑިއާގައި ކުޑަ ދެ އަންހެންކުދިން ރޭޕްކޮށް، އެވާހަކަ ނުދައްކަން ޝަރުތުކޮށް އެކުދިންނަށް ފައިސާ ދިން މީހަކު ހައްޔަރުކޮށްފިއެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގައި ހިނގި އެހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 60 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެ ދެ އަންހެންކުދިންނަށް ޖިންސީގޯނާ ކުރިކަމަށް އެކުދިންގެ މައިންބަފައިން ކައިރީ އެކުދިން އަމިއްލަ އަށް ބުނުމުންނެވެ. އެ ފިރިހެން މީހާ އަކީ އެ ދެ އަންހެންކުދިންގެ އަވައްޓެރިއެކެވެ.
އެވާހަކަ ނުދައްކަން ޝަރުތުކޮށް އެއިން ކޮންމެ ކުއްޖަކަށް އެ ފިރިހެން މީހާ ވަނީ ފަސް ރުޕީސް ދީފައެވެ.
ރޭޕްކުރި އެއް ކުއްޖަކީ އުމުރުން ފަސް އަހަރުގެ ކުއްޖެކެވެ. އަނެއް ކުއްޖާގެ އުމުރަކީ ނުވަ އަހަރެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެކުދިންގެ ގޭގެ ބޭރުގައި ކުޅެން ތިއްބައި އެކުދިންނަށް މެޓާ ދީގެން އެމީހާ ވަނީ ކުދިންނަށް ޖިންސީ އަނިޔާކޮށް ރޭޕްކޮށްފައެވެ. އަދި އެކުދިން ރޯން ފެށުމުން އެނާ އެކުދިންނަށް ފަސް ރުޕީސް ދިންކަމަށްވެސް ޚަބަރުތައް ބުނެއެވެ.
"އެ ވާހަކަ ނުދައްކަން ޝަރުތުކޮށް އެމީހާ ވަނީ ކޮންމެ ކުއްޖަކަށް ފަސް ރުޕީސް ދީފައި، ރޭޕްގެ ސަބަބުން ލިބުނު ވޭނަށް ކެތް ނުވެގެން އެ ދެކުދިންވެސް ވަރަށް ރުއި،" ފުލުހުންނާ ހަވާލާދީ ޚަބަރުތައް ބުނެއެވެ.