19:00


ނައިބު ރައީސް ޑރ.މުހައްމަދު ހަސަން މަނިކަށް ދަތިފުޅުވާ ގޮތަށް އެކި ފަރާތްތަކުން ޢަމަލު ކުރާތީ އެކަމާ ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެކަމަކީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.


ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ސަންއެފްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ ނައިބު ރައީސް އިދިކޮޅު ސިޔާސީ ޕާޓީތަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަމުންގެންދަވާ ވާހަކައަކީ ސަރުކާރަށް އާ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ނައިބު ރައީސް އެގޮތަށް އިދިކޮޅު ސިޔާސީ ފަރާތްތަކާ ބައްދަލުކުރައްވައި ވާހަކަ ދެއްކެވުމުން އެނގިގެންދަނީ އިދިކޮޅު ފަރާތްތަކަށް ވެސް ސަރުކާރާ އެކު މަޝްވަރާކުރުމުގެ ފުރުސަތު އެބައޮތްކަން ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.


ޒުހެއިރު އިތުރަށް ވިދާޅުވީ ނައިބު ރައީސް ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާ ގުޅިގެން ބައެއް ފަރާތްތަކުން ސަރުކާރާ އެމަނިކުފާނާ ދޭތެރޭ ނަފްރަތު އުފައްދަން މަސައްކަތްކުރާ ކަމަށާއި އަދި އެމަނިކުފާނަށް ދަތިފުޅުވާ ގޮތަށް ޢަމަލު ކުރަމުން ގެންދާ ކަމަށެވެ. އަދި އެއީ ރައީސް ނަޝީދު އެއްގޮތަކަށް ވެސް އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.


ގުއަންޓަނާމޯބޭ ޖަލުން ދެ ގައިދީއަކު ރާއްޖެ ގެންނަ މައްސަލައާ ގުޅިގެން ޒުހެއިރު ވިދާޅުވީ އެކަމުގައި ރައީސް ނަޝީދު އަބަދުވެސް ވިދާޅުވަނީ ދެ ނުކުތާއެއް ކަމަށެވެ. އެއީ އެމަނިކުފާނުގެ އެކަމުގައި ރާއްޖޭގެ އެއްވެސް ގާނޫނަކާއި ގަވާއިދަކާ ޚިލާފަށް ޢަމަލުނުކުރައްވާނެ ވާހަކަ ކަމަށާއި އަދި ދެވަނަ ނުކުތާ އަކީ އެކަން ރައީސް ކުރައްވަނީ މުސްލިމްވަންތަ ދިވެހިވަންތަ ކަމަކަށް ވާތީ އެކަމައިގެން ކުރިއަށް ދިއުމުގެ ބޭނުމުގައި ކަމަށް ވިދާޅުވާ ވިދާޅުވުން ކަމަށެވެ.


ޒުހެއިރު އިތުރަށް ވިދާޅުވީ އެމައްސަލައިގައި ބަންޑާރަ ނައިބުގެ ލަފައަކަށް ރައީސް އެދިވަޑައިގެންފައިވާ ކަމަށާއި އަދި އެކަމުގައި ބަންޑާރަ ނައިބު ލަފާއަރުވާފައި ވަނީ އެކަމުގައި ވިސްނަންޖެހޭ ނުކުތާތަކެއް ހުރި ކަމަށް ކަމަށެވެ. ނަމަވެސް ގުއަންޓަނާމޯބޭ އިން މީހުން ގެނައުމުގައި ހުރަސްތަކެއް ހުރި ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވާފައިނުވާ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.