11 Aug 2011, 15:40
"ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ އޮތޯރިޓީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އުފައްދަވައިފި އެވެ.
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިން އޮތޯރިޓީ ހިނގަމުންދާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަންގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮތޯރިޓީ މި އުފެއްދެވީ، ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގގެ މަސައްކަތްތައް ކުރާނެ ސަރުކާރުގެ ވަކި މުއައްސަސާއެއް ރާއްޖޭގައި ޤާއިމްކުރުމަކީ ބޭނުންތެރިކަމެއްކަމަށް ފެންނާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ އޮތޯރިޓީ"ގެ މަސައްކަތްތަކީ، ރައީސް އޮފީހުން ބުނި ގޮތުގައި
ރާއްޖޭގައި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިން (ޓިވެޓް) ނިޒާމެއް ޤާއިމުކޮށް ތަރައްޤީކުރުމާއި ދިވެހިރާއްޖޭގެ ޓިވެޓް ނިޒާމަށް ބޭނުންވާ ސިޔާސަތުތައް ހިންގުމާއި އެޕްރެންޓިސްޝިޕް ސްކީމް ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީކުރުމާއި، އެ މަޢްލޫމާތު އެއްކޮށް، ރައްކާކުރުމާއި، އެ މަޢްލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މަޢްލޫމާތު ފޯރުކޮށްދިނުމެވެ.
އަދި ޓިވެޓް ނިޒާމުގައި ބައިވެރިވާ ތަމްރީނުދޭ ފަރާތްތަކާއި، އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމުގައި ބައިވެރިވާ ވަޒީފާދޭ ފަރާތްތައް ރަޖިސްޓްރީކުރުމާއި، މި ދެފަރާތުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުން ވެސް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޖުމްލަ 15 ޕޮއިންޓެއްގެ މައްޗަށް އެ އޮތޯރިޓީގެ މަސައްކަތް ކަނޑައަޅާފައިވެ އެެވެ.