ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމުވެ، އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކުރީގެ މަޝްހޫރު ބެޑްޓްމިންޓަން ކުޅުންތެރިޔާ މުހަންމަދު ޝަރަތަށް ފަރުވާދިނުމަށް އެއާ އެމްބިއުލާންސެއްގައި މިރޭ ސިންގަޕޫރަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ހުޅުމާލޭގައި ދުއްވާ އެޗްޑީސީގެ ކުނި ލޮރީ އަކާއި ސައިކަލެއް ޖެހި މިދިޔަ ހޯމަ ދުވަހު ހިނގި އެކްސިޑެންޓްގައި މަރުވެފައި ވަނީ ސައިކަލު ދުއްވަން އިން ތ. ގުރައިދޫ، ބާޑީގެ އަހުމަދު ނަސީރު 41، އެވެ. އަދި އެ ސައިކަލު ފަހަތުގައި އިން މއ. ކާމިނީގޭ ހުޅަނގުބައި މުހައްމަދު ޝަރަތު، 42، އަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފަ އެވެ. އެގޮތުން އޭނާގެ އަރިކަށީގެ ކަށިތަކަށް ގެއްލުންތަކެއް ލިބިފައިވެ އެވެ.

ޝަރަތުގެ އާއިލާ އިން ބުނީ ކުރިން ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ހޯދަމުން އައި ޝަރަތުގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި މިހާރު ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓާ އާ ނުލައި ކަމަށާއި ނަމަވެސް އޭނާ އަދި އޮތީ އައިސީޔޫގައި ކަމަށެވެ.

މީގެ ތިން ދުވަސް ކުރިން ހުޅުމާލޭގައި ހިނގި އެ އެކްސިޑެންޓްގެ ސަބަބުން މަރުވި ނާސިރުގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑި ވަނީ ނުކުމެފަ އެވެ. އަދި ޗިސް ވެފައި އޮތް ސިކުނޑީގެ ބައެއް ލޮރީގެ ފުރޮޅު ދަށުގައި ވެސް އޮތެވެ. ނާސިރުގެ ބޮލުން ދެ ކޯރަށްވާ ގޮތަށް ގިނަ އަނދަދެއްގެ ލޭފައިބާފައިވާ އިރު އޭނާ ދުއްވި ސައިކަލު އޮތީ ފައިމަތީގަ އެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ ނާސިރު ދުއްވި ސައިކަލު ލޮރީގެ ވާތްފަޅިން އޯވަޓޭކް ކުރަން އުޅެގެން ނެވެ.