އިސްލާމްދީން ނޫން ދީންތަކަށް ޖާގަ ހޯދުމަށް މަގުފަހިވާ ފަދަ ބޭކާރު ވާހަކަތައް މުޖުތަމައު ތެރެއަށް ނުފެތުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި، ކީރިތި ގުރުއާނުގެ ދެ އާޔަތަކާ ހަވާލައިދީ ބުނީ، އިސްލާމްދީން ނޫން ދީނެއް އިންސާނުންނަށްޓަކައި ﷲ ލައްވަވާފައި ނުވާ ކަމަށާއި، އެނޫން ދީނެއް ގަބޫލުވެސް ނުކުރައްވާނެކަމަށެވެ.

އެހެންކަމުން، ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖޭގެ ރައްޔިތުން އެ ހަގީގަތް ގަބޫލުކޮށް، އިސްލާމްދީން މަތީ ވަރުގަދައަށް ފައިތިލަ ސާބިތުކޮށްތިބުމަށް ހަނދާންކޮށްދޭ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އަދި އިސްލާމްދީން ނޫން ދީންތަކަށް ޖާގަ ހޯދުމަށް މަގުފަހިވާފަދަ ބޭކާރު ވާހަކަތައް މުޖުތަމައުތެރޭގައި ނުފެތުރުމަށްވެސް އިސްލާމް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

މިނިސްޓްރީން އެފަދަ ބަޔާނެއް ނެރެފައިވަނީ، ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސާ، އަދި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ރައީސާ ޝަހިންދާ އިސްމާއިލް ކުރެއްވި ޓްވީޓެއްގެ މައްސަލަ ފުލުހުން ބަލަމުންދާ ދަނޑިވަޅެއްގައެވެ.

އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ނުދޭނެ ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި ޝަހިންދާ ވަނީ އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ހިތްވަރު ލިބޭފަދަ ވާހަކަތަކެއް ހިމެނޭ ޓްވީޓެއް ކުރައްވާފައެވެ.