ރާއްޖޭގައި ބާއްވަން ނިންމާފައިވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތް އަންނަ އަހަރުގެ ރޯދަމަހު ބާއްވަން ތައްޔާރުވަމުންދާ ކަމަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ބުނެފިއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި، ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ ވިދާޅުވީ، ރަމަޟާން މަހު ބޭއްވުމަށް ތައްޔާރުވަމުންދާ އެ މުބާރާތުގައި ބައިވެރިވުމަށް، ދެކުނު އޭޝިއާ އާއި، ދެކުނު އިރުމަތީ އޭޝިއާގެ އިތުރުން އަވަށްޓެރި ގައުމުތަކަށް ދައުވަތު ދޭނެ ކަމަށެވެ. ކޮންމެ ގައުމަކަށްވެސް ދޭނީ އެއްޖާގަ ކަމަށާއި، ރާއްޖެއިން 10 ބައިވެރިންނަށް ޖާގަ ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މުބާރާތުގައި ބައިވެރިވާނެ މީހުން ކަނޑައަޅާނީ އިތުރު މުބާރާތެއް ބާއްވައިގެން ކަމަށެވެ.

އިބްރާހިމް ރަޝީދު މޫސާ ވިދާޅުވީ، އެ މުބާރާތަކީ ބަލައިގެން ކީރިތި ގުރުއާން ކިޔަވާ މުބާރާތެއް ކަމަަށާއި، 25 އަހަރުން ދަށުގެ ކޮންމެ މީހަކަށްވެސް މުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ.

މީގެ އިތުރުން، އެ މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރައްވާނީ ބައިނަލްއަގުވާމީ ގުރުއާން މުބާރާތްތައް ފަނޑިޔާރުކަން ކުރާ ބޭފުޅުންނާއި ދިވެހި ފަނޑިޔާރުން ގުޅިގެން ކަމަށާއި، މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަހުގެ 27 ވިލޭރޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން އިންތިޒާމުކުރާ އެ މުބާރާތް އެންމެ ފުރަތަމަ އިއުލާނުކުރީ، މިއަހަރުގެ އޮކްޓޫބަރުމަހު ބޭއްވި ގުރުއާން ކިޔެވުމުގެ 32 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައެވެ.

ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގެ ވަނަ ވަނައަށް އަންނަ މީހުންނަށް ފައިސާގެ އިނާމުވެސް ދޭނެކަމަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ބުންޏެވެ.