ގަލޮޅު ކަށިމާހިނގުމުގައި ހުންނަ ގެއަކުން ގިނަ އަދަދެއްގެ ބަނގުރަލާ އެކު މީހަކު ހައްޔަރުކޮށްފިއެވެ.

މިރޭ 8:30 ހާއިރު ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ހިންގި އޮޕަރޭޝަނެއްގައި، ކަށިމާހިނގުމުގައި ހުންނަ ގެއަކަށް ވަދެ، ގިނަ އަދަދެއްގެ ތަކެތި ވަނީ ގެންގޮސްފައެވެ. އެގެއަށް ފޮރެންސިކް ފުލުހުން ވަން މަންޒަރު "ސަން"ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

އެގޭ ތެރެއިން ތިން ކަރުދާސް ފޮއްޓާއި، އެއްޗެހި އަޅާފައިވާ ހަތަރު ކޮތަޅުގެ އިތުރުން، ދެ ދަބަސް ވަނީ އެގެއިން ނެރުނު މަންޒަރު ވެސް "ސަން"ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

ގަލޮޅު ކަށިމާހިނގުމުގައި ހުންނަ ގެއަކުން ފުލުހުން ހޯދި ބަނގުރާ ފުޅިތަކެއް ހުރި ފޮށިތައް ފުލުހުންގެ ވެހިކަލަށް އަރުވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

"ސަން"އަށް އެނގިފައިވާ ގޮތުގައި، އެ ފޮށިތަކާއި ދަބަސްތަކުގައި ވަނީ ބަނގުރާ ފުޅިތަކެކެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ، އެތަކެތި ފެނުނު ގެއިން ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، މިރޭ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ އޮޕަރޭޝަނެއް ހިނގަމުންދާ ކަމަށާއި، ނަމަވެސް އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ.