11 Aug 2011, 14:49
ކުނިވެފައި ހުންނަ ބައެއް ކާބޯތަކެތި ބާޒާރަށް ނެރެ ވިއްކަމުންދާ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން މިއަދު ބުނެފި އެވެ.
އެފްޑީއޭން ބުނީ ރާއްޖެ އެތެރެކޮށްފައިވާ ކާބޯތަކެތީގެ ތެރެއިން ކެއިންބުއިމަށް ކަމުދާ ވަރަށް ވުރެ ބޮޑަށް ހަލާކުވެފައި ހުރި ތަކެތި ގޮނޑަށް ގެންގޮސް ނައްތާލުމުގެ ބަދަލުގައި ބާޒާރަށް ވިއްކަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި އަންގާފައިވާ ކެބެޖް ފަދަ ތަކެތި ހިމެނޭ ކަމަށް އެފްޑީއޭ އިން ބުންޏެވެ.
އެފްޑީއޭ އިން ބުނީ އެފަދަ ތަކެތި ކެއިން ބުއިމަށް ބޭނުން ކުރުމުގެ ސަބަބުން ބޭރަށް ހިންގުމާއި ހޮޑުލުން ފަދަ ބަލިތައް ޖެހުމަށް މަގުފަހިވާނެ ކަމަށެވެ. އަދި އެތަކެއްޗަކީ ސިއްހީ ގޮތުން ތަފާތު ގެއްލުންތަކެއް ކުރިމަތިވާނެ އެއްޗެތި ކަމަށްވާތީ އެފަދަ ތަކެތި ގަންނަ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން އިލްތިމާސް ކުރި އެވެ.
ކުނި ކާބޯތަކެތި ވިއްކުމުގެ މައްސަލައާ ގުޅޭ ގޮތުން އެފްޑީއޭ އިން އަންނަނީ މީހުންގެ ސަމާލުކަމަށް އެކަން ގެންނަމުންނެވެ. އެގޮތުން މި އަހަރުގެ ކުރީ ކޮޅު ރޯމަސް މާރުކޭޓުގައި ކުނިވެފައި ހުރި މަސް ވިއްކަމުންދިއަ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އަދި އެކަމުގެ ސަބަބުން ނުރައްކާތެރި ބައްޔެއް ފެތުރިދާނެ ކަމުގެ އިންޒާރު އެ ފަހަރު ވެސް އެފްޑީއޭ އިން ވަނީ ދީފަ އެވެ.