މިއަހަރު ނިމޭއިރު ރާއްޖެއަށް 1.4 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ އެކްޓިންގް މެނޭޖިންގް ޑިރެކްޓަރ ހާރިސް މުހައްމަދު ވިދާޅުވެއްޖެއެވެ.

ދެހާސް ސަތާރަވަނަ އަހަރަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ލިބުނު ބަޖެޓަކީ، އޭގެ ކުރީ އަހަރުތަކާ އަޅާކިޔާ އިރު ކުޑަ ބަޖެޓެކެވެ.

ބަޖެޓު ކުޑަވުމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި ބައެއް ޖަމްއިއްޔާތަކުންވެސް ކަންބޮޑުވުން ފާޅުކުރިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ، ސަރުކާރުގެ ކުންފުނި އެމްއެމްޕީއާރުސީން މިއަހަރު، ޑެސްޓިނޭޝަން މާކެޓިންގއަށް ކުރި މަސައްކަތްތަކާ ގުޅޭގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން، އެކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވީ، މިއަހަރަށް ލިބުނު ކުޑަ ބަޖެޓު ވިސްނުންތެރިކަމާ އެކު ބޭނުންކޮށްގެން އެންމެ ރަނގަޅު ނަތީޖާއެއް ހާސިލުކުރެވުނު ކަމަށެވެ.

"މާކެޓިންގއަށް ކުރީ އަހަރާ އަޅާ ބަލާއިރު ޚަރަދު ކުރަން ލިބުނު އަދަދު ކުޑަވި. އެހެންވީމާ މާކެޓިންގ ވައްޓަފާޅިއަށް ގެނެވުނު ބަދަލުތައް ގިނަވާނެ. ކުރިން ކުރަމުން ދިޔަ އިސްރާފުތައް ކުޑަކުރެވުނު. އަދި އޮންލައިން މާކެޓިންގ އިތުރުކުރެވުނު،" ހާރިސް ވިދާޅުވިއެވެ.

"ބަޖެޓު ކުޑަވި ކަމުގައި ވިޔަސް ކުރިން ހީކުރި ވަރާ، ޖަމްއިއްޔާތަކުން ހީކުރި ވަރަށް ވުރެ ލިބުނު ކުރިއެރުން އިތުރުވެ، ނެގަޓިވް އިމްޕެކްޓް ކުޑަވި،"

ހާރިސް ވިދާޅުވީ، މިއަހަރު ކުރި މަސައްކަތްތައް ކާމިޔާބު ކަމަށާއި، މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިހާރުވެސް ފަހަނަ އަޅައި ގޮސްފައިވާ ކަމަށެވެ. މިދިޔަ އަހަރު ނިމުނު އިރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1.28 މިލިޔަނެވެ.

"މިއަހަރު ނިމިގެންދާ އިރު 1.4 މިލިޔަން މީހުން ޒިޔާރަތް ކުރާނެކަމަށް ބެލެވޭ. ލިިބިފައި ހުރި ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުުގެ ނަތީޖާއާއި ލިބުނު ކުރިއެރުން ވަރަށް ރަނގަޅު،" ހާރިސް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން މިއަހަރު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރީ ރާއްޖޭގެ ރީތިކަން ދެއްކުމުގެ ބަދަލުގައި، ރާއްޖޭގެ އާދަކާދައާއި ސަގާފަތް ދެއްކުމުގެ އިތުރުން، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ފަރާތުން އެމީހުންގެ ތަޖުރިބާތައް ހިއްސާކޮށް، އެހެން މީހުން ރާއްޖެ އައުމަށް ޝައުގުވެރިކުރުވުމުގެ އުކުޅުތައް ބޭނުންކޮށްގެންނެވެ.