28 Dec 2017, 16:30
އިންޑިއާ އާއި ރާއްޖޭގެ ގުޅިގެން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތައް މި އަހަރު ވެސް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސް ނިންމާލައިފި އެވެ.
'އެކުވެރިންގެ' ނަމުން ނަން ދީގެން 14 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއަ އެ ތަމްރީންތައް ނިންމާލީ މިއަދު އެވެ. މި އަހަރުގެ ތަމްރީންތައް ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ ކަރުނާޓަކަ ސްޓޭޓުގެ ހުޅަނގު ދެކުނުގައި އޮންނަ ބެލެގަމް ސިޓީގަ އެވެ.

އިންޑިއާ އާއި ރާއްޖެ ގުޅިގެން ހިންގި އަސްކަރީ އޮޕަރޭޝަނުގެ ބައިވެރިން ---
މި އަހަރުގެ ތަމްރީންތައް ކުރިއަށް ގެންގޮސްފައި ވަނީ ޓެރެރިޒަމްގެ ހަމަލާތައް ދުރާލައި ދެނަގަނެ އެފަދަ ހަމަލާތައް ހުއްޓުވުމަށް އިސްކަން ދީގެންނެވެ. ކުދި ކުދި ޓީމްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ތަމްރީންތަކުގައި ގޮވާ ތަކެތެ ރައްކާތެރިކަމާ އެކު އުފުލާ ގެންގުޅޭނެ ގޮތްތައް ވެސް ދަސްކޮށްދީފައިވާނެ ކަމަށް އިންޑިއާގެ އަސްކަރިއްޔާ އިން ބުނެ އެވެ.
އެ ތަމްރީންތަކުގައި ރާއްޖޭގެ އެމްއެންޑީއެފްގެ ފަރާތުން ބައިވެރިވެފައި ވަނީ ދެ އޮފިސަރުންނާއި އެކު އެހެނިހެން ރޭންކްތަކުގައި 43 އޮފިސަރުންނެވެ. އަދި އިންޑީއާގެ އަސްކަރިއްޔާގެ ތިން އޮފިސަރުންނާއި ތިން ޖޫނިއަރު އޮފިސަރުންގެ އިތުރުން އެހެން ރޭންކްތަކުގެ 39 އޮފިސަރުން ވަނީ ބައިވެރިވެފަ އެވެ.