11 Aug 2011, 14:05
ބ. ތުޅާދޫ ކައުންސިލްގެ ހަތް ޖަލްސާއަކަށް ޖެހިޖެހިގެން ހާޒިރު ނުވި ކަމަށް ބުނެ ޑީއާރުޕީ މެންބަރު އުމައިރާ އަބޫބަކުރު އެ ކައުންސިލުން ވަކިކުރުމަށް ފަހު ބާއްވަން އުޅުނު ބައި އިލެކްޝަން ހުއްޓާލަން އިލެކްޝަންސް ކޮމިޝަނަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.
ހައި ކޯޓުން މިއަދު އިއްވެވި ހުކުމްގައި ބުނެފައި ވަނީ ތުޅާދޫ ބައި އިލެކްޝަން ބޭންވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަމަށެވެ. އަދި ޑީއާރްޕީގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގައި ފާހަގަ ކުރެވުނު ނުކުތާތަކަށް ބުރަވެ، ބައި އިލެކްޝަން ހުއްޓާލަން ޖެހޭނެ ކަމަށް އެ މަސައްލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުވެފައިވާ ކަމަށް ހުކުމްގައިވެ އެވެ.
"... ބ. އަތޮޅު ތުޅާދޫ ކައުންސިލުގެ ބައި- އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއް ނޫންކަމާޢި، އެހެންކަމުން އެ ބައި އިލެކްޝަންގެ ކަންތައްތައް އިލެކްޝަން ކޮމިޝަނުން ކުރިއަށްގެންދާ ގެންދިއުން ހުއްޓާލަން ޖެހޭނެ ކަމަށް މި މައްސަލަ ބެލި ހައިކޯޓްގެ ފަނޑިޔާރުން އިއްތިފާގުވެފައިވާތީ، ބ. އަތޮޅު ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަން ކުރިއަށް ނުގެންދިއުމަށް އިލެކްޝަންސް ކޮމިޝަންއަށް އަންގާ ހުކުމްކޮށްފީމެވެ،" މައްސަލަ ބެއްލެވި ފަނޑިޔާރު އަލީ ސަމީރު އަދި އަބްދުއްރައޫފު އިބްރާހިމް އާއި އައްބާސް ޝަރީފު އިއްވެވި ހުކުމްގައިވެ އެވެ.